ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރާއި ކެންޔާގެ ޖުމްހޫރިއްޔާގެ ސަރުކާރާ ދެމެދު ސިޔާސީ ގޮތުން މަޝްވަރާތައް ބޭއްވުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި ކެންޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި މިނިސްޓަރ ފޮރ ފޮރިން އެންޑް ޑައަސްޕޯރާ އެފެއާޒް، ޑރ. މުސާލިއާ މުދަވާދީއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ދެ ބޭފުޅުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށް ފަހުގައެވެ.

މި ފަހުމުނާމާގެ ސަބަބުން ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ މެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމަށް ރަސްމީ އޮނިގަނޑެއް އެކުލަވާލެވިގެންދާނެއެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި ވާހަކަތައް އިތުރަށް ހަރުދަނާކޮށް، ގުޅުން ބަދަހިކުރެވިދާނެ އައު ދާއިރާތައް ދެނެގަތުމަށާއި، ރާއްޖެއާއި ކެންޔާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެކެވެ.

ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 23 އޮކްޓޫބަރު 1995 ގައެވެ. އޭގެ ފަހުން ދެ ޤައުމުގެ ދެމެދުގައި ވަނީ ގާތް އަދި އެކުވެރި ގުޅުމެއް ދަމަހައްޓާފައެވެ. މި އެމްއޯޔޫގައި ސޮއިކުރުމަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

މިއަދު އޮންލައިން