މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއިން ޗައިނާއަށް މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު އިތުރުވެފައިވާ ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ ނޫ އިޤްތިޞާދާ ގުޅޭ ދެ ދުވަހުގެ ފަންނީ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސަފީރު ވިދާޅުވީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، ސިނާޢަތް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާއާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދާއިރު، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ބާޒާރު ދިވެހިންނަށް ވަރަށް ފުޅާކޮށް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.
ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ކަނޑުމަހުގެ ގިނަ އުފެއްދުންތަކެއް ޗައިނާގެ ބާޒާރަށް 0 އިންސައްތަ ޓެރިފްގައި ބޭރުކުރެވެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ނޫ އިޤްތިޞާދު ތަރައްޤީކުރުމަށްޓަކައި މަސް އާލާކުރުމާއި ފަންނީ އެކި ދާއިރާތަކުން ރާއްޖޭގެ ބައިވެރިންނަށް ޗައިނާއިން ތަމްރީނު ފުރުޞަތުތައް ފޯރުކޮށްދެމުންދާ ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.
މިފަދަ ފުރުޞަތުތަކުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައިގެންދާނެ ކަމަށާއި، ގިނަ އަދަދެއްގެ ޒުވާނުން މި ދާއިރާއަށް ނުކުންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.