ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައްޔިތުންނަށް އިންތިހާއަށް ފައިދާކުރާނެ ކަމެއް: ޑރ. އަޒުވަރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 55ސ
ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައްޔިތުންނަށް އިންތިހާއަށް ފައިދާކުރާނެ ކަމެއް: ޑރ. އަޒުވަރު

ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ނުހަނު ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްޓެލްކޯއިން އަލަށް ޚިދުމަތް ދޭން ފެށި ބ. އަތޮޅު، ޅ. އަތޮޅު، މ. އަތޮޅު އަދި ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނާއި، ވަގުތީގޮތުން އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކަށް ޚާއްޞަކޮށްގެން ފެށި ތަމްރީނު ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. އަޒުވަރު ވިދާޅުވީ، ސްޓެލްކޯއަކީ ޤައުމީ ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމުގައިވާއިރު، އެ ކުންފުނިން ދެމުންދާ ޔުޓީލިޓީ ޚިދުމަތްތައް މަތީ ފެންވަރުގައި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ޤައުމީ ފެންވަރުގައި ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ރައްޔިތުންގެ ޝުޢޫރު އައްސަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޑރ. އަޒުވަރު ވިދާޅުވީ، "މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރޭން އަޅުގަނޑުމެން މިހާރު މިދަނީ ކުންފުނީގެ ޓީމްތަކެއް އެކުލަވާލައިގެން ސަރވޭ ކުރުމުގެ މަސައްކަތް ކުރަމުން. މުޅި ރާއްޖެއަށް ސްޓެލްކޯގެ ޚިދުމަތް ފުޅާކުރެވިގެން ދިއުމަކީ އަޅުގަނޑު ދެކޭގޮތުގަ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއް. އެއީ ރަށްރަށުގަ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާ، އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ޚަރަދުގެ ގޮތުގަ ހޭދަކުރެވޭ މިންވަރު ކުޑަކުރުމާ، އޮޕަރޭޝަނަލް އެފިޝަންސީއަކީ ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ،" ކަމަށެވެ.

ސްޓެލްކޯގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ޑރ. އަޒުވަރު ވިދާޅުވީ، އެ ކުންފުންޏަކީ 75 އަހަރުގެ ދިގު، އަދި ރައްޔިތުން ބަލައިގަންނަ ފަދަ ތާރީޚެއް އޮތް ކުންފުންޏެއް ކަމަށެވެ. އަދި އެކަން އެގޮތަށް ދެމިއޮތީ އެކި ނަންނަމުގައި ކުންފުނި ހިންގަމުން ދިޔައިރު މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުން ކަމަށްވާތީ، އަލަށް ޚިދުމަތް ފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުންވެސް އެކަން ދަމަހައްޓައި، ރައްޔިތުންނާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި މަހުގެ 20 އިން 22 އަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަލަށް ހަމަޖެއްސި މެނޭޖަރުންނާއި އިސްވެރިންނަކީ ސްޓެލްކޯގެ ޤަވާޢިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، ޒިންމާދާރުކަމާއެކު އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ.

މި ޕްރޮގްރާމްގެ ތެރޭގައި މެނޭޖަރުންގެ ދައުރާއި މަސްޢޫލިއްޔަތުތައް އޮޅުންފިލުވައިދިނުމާއި، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން އިދާރީ، ޓެކްނިކަލް، މާލީ، ރައްކާތެރިކަމުގެ އަދި އޮޕަރޭޝަނަލް އިރުޝާދުތައް ދިނުމާއި، އަތޮޅުތަކުގެ އިންޖީނުގެތަކާއި ރީޖަނަލް ޑިޕާޓްމަންޓްތަކުގެ ގުޅުން ވަރުގަދަކޮށް، ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުންވެސް މި ތަމްރީނުގައި ހިމެނެއެވެ.

މިއަދު އޮންލައިން