ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާ އެއްގޮތަށް ހުރިހާ އެންމެންވެސް ޢަމަލުކުރުމަށް ދިވެހިބަހުގެ އެކެޑަމީން އިލްތިމާސްކުރައްވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، އެކި ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެ ކަމަށެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަންބޯޑެއްގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ، މިއާ އެއްގޮތަށް ޢަމަލުކުރުމަކީ ލާޒިމުކަމެއްކަން އެ އެކެޑަމީން ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިބަހުގެ އެކެޑަމީން އިތުރަށް ވިދާޅުވީ، ޤާނޫނެއްގައި ވަކިގޮތަކަށް ޢަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ އެ ޤާނޫނުން އުފައްދާ ބަރީއަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެ ކަމަށެވެ. އެހެންނަމަވެސް، މި ކަންކަމާ ޚިލާފަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުންދާކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާ އެއްގޮތަށް އެންމެހައި ފަރާތްތަކުން ޢަމަލުކުރުމަށް އެ އެކެޑަމީން ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.