ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢު ހިންގުމަށް އަބޫދާބީގެ އީގަލް ހިލްސްއާއެކު ސޮއިކުރެވިގެންދިޔައިރު، މި މަޝްރޫޢުގެ ސަބަބުން ދައުލަތަށް ހުރިހާ ޓެކްސް އާމްދަނީއެއް ލިބި، 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރޭގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މަޝްރޫޢަށް އެއްވެސް ޓެކްސް އެގްޒެމްޕްޝަނެއް ދިނުމަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ. މިއީ ޓެކްސް އިންސެންޓިވްއެއް ދީގެން ކުރިއަށްދާނެ މަޝްރޫޢެއް ނޫން ކަމަށާއި، ރިއުވެނިއުއިން ސޭލްސް ޓެކްސް، ޓީޖީއެސްޓީ، ޖީއެސްޓީ، ޖީއާރްޓީ އަދި އިންކަމް ޓެކްސް ފަދަ ހުރިހާ ޓެކްސްއެއް، ދޭ ޚިދުމަތްތަކުން ދައުލަތަށް ވަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން، ދައުލަތުން ލީޒް ރައިޓްސް ވިއްކާއިރު އެ ލީޒް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ ސީދާ ދިވެހި ސަރުކާރަށް ލިބޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވީ، މިހާރު ޓޫރިޒަމް ސެކްޓަރަށް ވަންނަ 5 ބިލިއަން ޑޮލަރުގެ ގިނަ ފައިސާ ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް، މި މަޝްރޫޢުއަކީ ދިވެހިންނަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ގޮތަށް ރާވާފައިވާ މަޝްރޫޢެއް ކަމަށެވެ.
އެގޮތުން، އީގަލް ހިލްސްގެ ވެބްސައިޓް މެދުވެރިކޮށް ލީޒް ރައިޓްސް އެޑްވާންސަށް ވިއްކަން ފަށާ ހިސާބުން އާމްދަނީ ލިބެން ފަށާނެ ކަމަށާއި، ލީޒް ރައިޓްސް ވިއްކައިގެން ލިބޭ ހުރިހާ އާމްދަނީއެއްވެސް ދިވެހި ސަރުކާރުން އެއްބަސްވާ ބޭންކެއްގައިވާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ސަބަބުން މިހާރު ޑޮލަރު ލިބުމަށް ދަތިވާ ދަތިވުމަށް ފަސޭހަތައް ލިބިގެންދާނެއެވެ.
ރަސްމާލޭގެ 500 ހެކްޓަރަކީ އީގަލް ހިލްސްއިން ޑިވެލޮޕްކޮށް ލީޒްކުރާނެ އޭރިއާއެވެ. އަދި އަނެއް 600 ހެކްޓަރަކީ ދިވެހިން ދިރިއުޅެން ތަރައްޤީކުރެވޭ އޭރިއާއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ސަރަހައްދު ތެރޭގައި 54,000 އަށްވުރެ ގިނަ ވަޒީފާ މި ޕްރޮޖެކްޓްގެ ތެރެއިން އުފެދިގެންދާނެއެވެ. އަދި މަސައްކަތް ކޮށްފައި އެ ބޭފުޅުންނަށް ކޮންމެ ދުވަހަކުވެސް ގެއަށް އާދެވޭ ގޮތަށް އެރޭންޖްމަންޓް ހެދިގެންދާނެއެވެ.
މީގެ އިތުރުން، މިހާރު 2.4 މިލިއަން މީހުންނަށް ޚިދުމަތްދެވެނީ 65,000 އެނދުން ކަމަށްވާއިރު، މި ޕްރޮޖެކްޓްގެ ތެރެއިން އަހަރެއްގެ ތެރޭގައި 1 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުންނަށް ޚިދުމަތް ދެވިގެންދާނެ ކަމަށާއި، މީގެ ތެރޭގައި ހެލްތް ޓޫރިޒަމްވެސް މީގެ ތެރޭގައި ހިމެނިގެންދާނެކަމަށް މިިނިސްޓަރ ވިދާޅުވިއެވެ. އަދި 3 ތަފާތު ރިޒޯޓު ޕްރޮޕަޓީސްތަކާއި، އިންޓަރނޭޝަނަލް ސްކޫލްތަކާއި، ތީމް ޕާކްތައް ހިމެނޭގޮތަށް ކުރިއަރާފައިވާ ޤައުމެއްގައި ހުންނާނެ އިންޓަރގްރޭޓެޑް ސިޓީއެއްގައި ހުންނާނެ ހުރިހާ ކަމެއް މި ޑިވެލޮޕްމެންޓް ތެރޭގައި ހުންނާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހަބަރު: ސަރުކާރު