ރަސްމާލޭގައި އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢަކީ މުޅި ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ ތާރީޚީ އިންވެސްޓްމަންޓެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ދިވެހިރާއްޖޭގެ މިހާރުގެ ޖީޑީޕީއަކީ 7.7 ބިލިއަން ޑޮލަރު ކަމަށްވާއިރު، ރަސްމާލޭގެ މި އެކަނި މަޝްރޫޢަކީވެސް ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 3 ގުނަ އާއި އެއްވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. މިއީ ރާއްޖެއާމެދު ބޭރުގެ ދުނިޔެއިން ދެކޭގޮތް މުޅިން ބަދަލުކޮށްލާނެ ކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ އާދައިގެ ބަޔަކާއެކު ކުރިއަށްގެންދާ މަޝްރޫޢެއް ނޫންކަމަށާއި އީގަލް ހިލްސްއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ "ބުރުޖް ޚަލީފާ" އާއި "ޑުބާއީ މޯލް" ތަރައްޤީކުރި މަޝްހޫރު އިމާރް ކުންފުނީގެ ފައުންޑަރގެ ކުންފުންޏެއް ކަމަށެވެ. މިގޮތުން އީގަލް ހިލްސްއިން މިހާރުވެސް ދުނިޔޭގެ 18 އަށްވުރެ ގިނަ ޤައުމުގައި 45 މަޝްރޫޢު ހިންގަމުންދާއިރު، މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ޤާބިލުކަން ހުރި ފަރާތެއްކަން ސާބިތުވެފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާކުރުމުގެ ތެރެއިން ސަރުކާރުގެ ޓީމަކުން ވަނީ އީގަލް ހިލްސްއިން މިސްރުގެ އެލެކްޒެންޑްރިއާގައި ތަރައްޤީކޮށްފައިވާ "މަރާސީ" އިންޓަގްރޭޓެޑް ސިޓީއަށް ޒިޔާރަތްކޮށްފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެތަނުގައި ޔޮޓް މެރީނާއަކާއި، 3 ހޮޓަލާއި، ސްމާޓް ސިޓީއެއްގެ ގޮތުގައި 3 ރޭންޖެއްގެ ޕްރޮޕަޓީސް ހިމެނޭ 3 ޓައުން ހަދާފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ އެ ތަޖުރިބާއާއެކު ރަސްމާލެއިން ލިބިގެންދާނެ އިޤްތިޞާދީ ފައިދާ ވަރަށް ސާފުކޮށް ތަޞައްވުރު ކުރެވިގެންދިޔަ ކަމަށެވެ. އަދި އެލެކްޒެންޑްރިއާގެ ގިނަ ޕްރޮޕަޓީތައް ހިންގަން ދިވެހިން ތިބިކަމީ ދިވެހިންގެ މަސައްކަތަށް އެ ކުންފުނިން ކުރާ އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއީ ހަމައެކަނި ވަކި މަޝްރޫޢެއްގެ ގޮތުގައި ހިންގާ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް އަންނާނެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، އެހެން އިންވެސްޓަރުން ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ދިވެހި ކުންފުނިތަކަށާއި އެކިއެކި ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
ހަބަރު: ސަރުކާރު