މާލޭގައި ހުންނަ މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މާޒިޔާ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ފަންގިފިލާއާއި ޓެރަހާއެކު، ޖުމްލަ 390 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި 76 މީހުންނަށް އަދި ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 157 މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ހީނާމާގެ ޕާކިން ޒޯން ކައިރީގައި ހުންނަ މި މިސްކިތަކީ ޖާގައިގެ ދަތިކަން ބޮޑުވެ، ނަމާދު ވަގުތުތަކުގައި މަގުމައްޗަށް ސަފުތައް ދަމަންޖެހޭ މިސްކިތެކެވެ. އެހެންކަމުން މި އައު އިމާރާތާއެކު އެ ސަރަޙައްދުގައި ނަމާދުކުރާ ފަރާތްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މާލޭގައި ހުރި މިފަދަ ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.