ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ހަކަތައާއި، ފެނާއި އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ވަޒީރު ޢަލީ ޝަރީފް، ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް، ހަރ އެކްސެލެންސީ ހިބާ އަލް ޖުނައިބީއާ ބައްދަލުކުރައްވައި ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޔޫއޭއީގެ މަޝްހޫރު މަސްދަރު (Masdar) ކުންފުންޏާއެކު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީ ފެންވަރަށް ތަރައްގީކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެއިތުރުން، ކުނިން ހަކަތަ އުފެއްދުމާއި (ވޭސްޓް-ޓޫ-އެނާޖީ)، ފެނާއި ނަރުދަމާގެ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން، މި ދާއިރާތަކުން ދިވެހި ފަންނީ މުވައްޒަފުން ތަމްރީނުކޮށް ގާބިލުކަން އިތުރުކުރުމަށް (ކެޕޭސިޓީ ބިލްޑިންގ) ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގެ ތިމާވެއްޓާއި ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާއިރު، މި ބައްދަލުވުމަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.
ހަބަރު: ސަރުކާރު