ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެހެންވެ މުޢާމަލާތުކުރަންވާނީވެސް އަދި ކަންކަން ކުރަންވާނީވެސް ވަރަށް ވިސްނައިގެންނެވެ. އެމީހަކަށް އެންމެ އަސަރުކުރާނެ ގޮތް އެނގޭނީ އެމީހަކާއެކުގައި އުޅުނީމައެވެ. ނަމަވެސް ކުރެވޭ ބައެއް ތަޖުރިބާތަކުން ގިނަބައަކަށް ފައިދާކުރެއެވެ. މިބުނަނީ އެފަދަ ކަމެއްގެ ވާހަކައެވެ.
ކަންތައް ދިމާވި ގޮތުން އަހުރެންނަށް ކައިވެނިކުރެވުނީ ވަރަށް ރުޅިގަދަ ފިރިހެނަކާއިއެވެ. ކިރިޔާ ކަމެއްދިމާވިނަމަވެސް ރުޅިއައިސްގެން ކުޑަކުދިން އުޅޭހެން އުޅެއެވެ. ބައެއް ފަހަރު ބޮކްސިންގ ތަޅާ މީހަކަށް ހެދެންވެސް އުޅެއެވެ.
މަހެއްހައި ދުވަހު ކުޅިބަލަން ހުރެފައި އުކުޅެއް ދަސްކުރީމެވެ. ދަސްވީ ބެލުނު ފިލްމަކުންނެވެ. އެވައްތަރު ޖައްސަން ފެށީމާ އަނގައިންވެސް ނުބުނެ މަޑުން ހުންނަނީއެވެ. އެހެން ހުރެފައި ކުއްލިއަކަށް ބާރަށް ހޭންފަށަނީއެވެ. ހެމުން އޭނާ އުޅޭހެން އުޅެން ފަށަނީއެވެ. އޭނާ ޖައްސާ ވައްތަރުތައް ޖައްސަމުން ގޮސް ގައިގައި ބައްދަނީއެވެ. ދޮންދޭންވެސް ފަށަނީއެވެ.
ބުނަންހެއްޔެވެ؟ އެގޮތަށް ކަންތައް ކުރުމުން ފޮޅައިލާކަށްވެސް ނުއުޅެއެވެ. މަޑުފުށްގަނޑަކަށް ބަދަލުވެއެވެ. ދެން އަހުރެން ދަޢުވަތު ދެނީ އިށީނުމަށެވެ. ދަޢުވަތުދޭއިރަށް ބަސްއަހައިގެން އިށީނދެއެވެ. އިށީނުމުން ޖޫސްތަށްޓެއް ނޫނީ ކޮފީ ތަށްޓެއް ދެމެވެ. ދެކޮޅު ނުހަދައި މަޑުން އިނދެ ބޮއިލާނެއެވެ. ބޮއިނިމޭއިރު ކުރިން ރުޅިއައިސްގެން އުޅުނު މީހެއްހެންވެސް ހިއެއް ނުވާނެއެވެ.
އެގޮތަށް ކަންތައްކުރަންފެށިތާ ދުވަސްކޮޅެއް ފަހުން ކިޔައިދިނެވެ. "ރުޅިއާދެވުނީ އިވިފައި ހުރި އަޑުތަކަކުންނެވެ. އަހުރެން އޭނާދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަމަށާއި އަހުރެން އޭނާއަށް ތެދުވެރިނުވާނެކަމަށް އަހުރެންގެ އެންމެ ގާތް އެކުވެރިޔާ ފިރިމީހާއަށް ވިސްނައިދީފައި އޮތުމުންނެވެ. އެއީ ތެދެއް ނޫންކަން ފިރިމީހާއަށް ޔަޤިންކުރެވުނީ އޭނާ ރުޅި އައުމުން އަހުރެންނަށް ކަންކަން ކުރެވުނު ގޮތުންނެވެ."
އަހުރެންގެ ހިތަށް އެރިއެވެ! ދުނިޔެމީ ކޮންކަހަލަ ތަނެއް ހެއްޔެވެ؟ އެންމެ ގާތް އެކުވެރިންގެ ގޮތުގައި މިއުޅެނީވެސް ވިހަގަދަ ހަރުފަތަކެއް ވިއްޔާއެވެ!
އަހުރެން ދޭން ބޭނުންވާ މެސެޖަކީ ފިރިމީހާ ރުޅިގަދަވާނަމަ ހެއްވާލަން މަސައްކަތްކުރާށެވެ! އެކަން ކާމިޔާބު ކުރެވިއްޖެނަމަ ޙައްލުހޯދޭނެއެވެ. ކާމިޔާބު ނުވެއްޖެނަމަ އެކަން މެދުވެރިއެވަނީ އޭނާގެ ކިބައިގައި ހުންނަ ނުބައިކަމުންނެވެ. އެންމެ ރަނގަޅުވާނީ އެފަދަ މީހުންގެ ކިބައިން ސަލާމަތްވުމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް