އުފެދުމުގަވިޔަސް ބައްޔަކުންނަމަވެސް ޖިންސީ ނުކުޅެދުންތެރިކަމެއް ހުރިކަން އެނގޭނަމަ ކައިވެނިކުރުމުގެ ކުރިން އެކަން ހާމަކުރަންވާނެ! ކައިވެނިކުރަންވާނީ އެނގި ރުހިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުފެދުމުގަވިޔަސް ބައްޔަކުންނަމަވެސް ޖިންސީ ނުކުޅެދުންތެރިކަމެއް ހުރިކަން އެނގޭނަމަ ކައިވެނިކުރުމުގެ ކުރިން އެކަން ހާމަކުރަންވާނެ! ކައިވެނިކުރަންވާނީ އެނގި ރުހިގެން!

މިއީ ގިނަ ބައަކު ދައްކަން ލަދުގަންނަ އަދި ޖެހިލުންވާ ވާހަކައެކެވެ. ނަމަވެސް ކައިވެނިކުރާތަނުން ދެމީހުން ވަކިވާންޖެހުމުގެ މައްސަލައަށް ޙައްލެއް ހޯދޭނީ މިވާހަކަ ދައްކައިގެންނެވެ.  

ޖިންސީ ނުކުޅެދުންތެރިކަމާއި ބަލިކަށިކަން އެއީ އެއްވެސް މީހެއްގެ އަމިއްލަ ބާރުހިނގާ ކަންކަމެއް ނޫނެވެ. ވީމާ އެއީ ލަދުގަންނަން ޖެހެންވީ ކަމެއްވެސް ނޫނެވެ. އަދި ބައެއް ކަންކަމަކީ ބޭސްފަރުވާ ކުރުމުން ރަނގަޅުވާ ކަންކަމެވެ. އަނެއްބައި ކަންކަން ރަނގަޅެއް ނުކުރެވޭނެއެވެ.  

އެފަދަ ކަމެއް ތިމާގެ ކިބައިގައި ހުރިކަން އެނގޭނަމަ އެކަން ސިއްރުކޮށްގެން ހުރެ ކައިވެނިނުކުރާށެވެ. ކައިވެނިކޮށްފިނަމަ އެކަންވާނީ އަނެކާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. ވީމާ އެފަދަ ކަންކަން ސިއްރުކޮށްގެން ހުރެ ކައިވެނިކުރުން ހުއްދައެއް ނުވާނެއެވެ. އަހުރެން ބުނާނީ އެގޮތަށް ކުރާ ކައިވެނި ޙަރާމްވާނެ ކަމަށެވެ.  

ދެން އޮތީ ޢިއްފަތްތެރި ފިރިހެނުންނަށްވެސް އަދި ޢިއްފަތްތެރި އަންހެނުންނަށްވެސް މިފަދަ ކަންކަން އެނގެނީ ކައިވެނިކުރުމުން ކަމެވެ. އެފަދަ ގޮތަކަށް ދިމާވެއްޖެނަމަ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ބޭސްފަރުވާކޮށްގެން ރަނގަޅުވޭތޯ ބަލަން މުއްދަތެއް ދިނުމެވެ. މުއްދަތު ދޭން ބޭނުންނުވާނަމަ ވަރިކުރުންވެސް އަދި ވަރިވުންވެސް ހުއްދައެވެ.

އަނބިމީހާގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރިނަމަ 2 ވަނަ ކައިވެންޏެއް ކުރަން ފިރިމީހާއަށް ފުރުޞަތުދެވިދާނެއެވެ. އަދި ފިރިމީހާ އެކަން ޤަބޫލުކުރާނަމަ ވަރިނުކޮށް ބެއިންދުމަކީ މައްސަލައެއް ނޫނެވެ. އަދި އެކަންވާނީ ފިރިމީހާކުރާ ހެޔޮކަމަކަށެވެ. ނަމަވެސް އަނބިމީހާއަށް އެކަން ތަފާތެވެ. އޭނާގެ ބޭނުންތައް ފުއްދޭނެ ޙަލާލު ގޮތަކީ ފިރިމީހާގެ ގާތުން ވަރިވެ އެހެން މީހަކާ ކައިވެނިކުރުމެވެ.  

މިކަންކަން ކިޔައިދޭން މިޖެހެނީ މިކަންކަން ނުއެނގޭތީ ބައެއް މީހުންނަށް ކަންކަން ކުރެވޭ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވާތީއެވެ.

 

- ޑރ. މުޙައްމަދު ޞާލިޙްގެ ދަރުސަކުން  

މިއަދު އޮންލައިން