އެހެން މީހުންގެ ދަރިންނަށް ޙަސަދަލައި އެސްފީނާ ޖެއްސުވުމަކީ އަމިއްލަ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! އެކަން ތިމާގެ އަމިއްލަ ދަރިންނަށް ކުރިމަތިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
އެހެން މީހުންގެ ދަރިންނަށް ޙަސަދަލައި އެސްފީނާ ޖެއްސުވުމަކީ އަމިއްލަ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! އެކަން ތިމާގެ އަމިއްލަ ދަރިންނަށް ކުރިމަތިވާނެ!

ބެލެނިވެރިންގެ ކިބައިން އެންމެ ގިނައިން ލިބޭ ޝަކުވާތަކުގެ ތެރެއިންވެސް އެންމެ ގިނައީ، އަދި އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ ދަރިންނަށް އެސްފީނާ ޖެހުމުގެ މައްސަލަކަން ފާހަގަކުރެވެއެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. ގޯހެއް ކަމަށް މިބުނަނީ އެކަންކުރާ މީހުން އެކުރަނީ ވަރަށް ގޯސްކަމެއް ކަމުގެ ވާހަކައެވެ.

އެންމެ ބޮޑު އެއްސަބަބަކީ އެކަމުގެ ސަބަބުން ތިމާގެ އަމިއްލަ ދަރިންނަށް އެކަމުގެ އަސަރުކުރާނެ ކަމެވެ. ނުއެނގޭނީ ކުރާނެ ގޮތެކެވެ. ކުރާނެ ވަޤުތެވެ.  

އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި މިކަމަށް ހޭލުންތެރިވެލެއްވުމެވެ. 

އަޅުގަނޑުގެ ދަރިފުޅަކީ 8 ވަނަ ގްރޭޑްގައި ކިޔަވާ ކުއްޖެކެވެ. މިއަހަރު ކުރިމަތިވާ ކަމަކީ އެންމެ މުހިންމު ފިލާވަޅުތަކާއި ޓެސްޓް އޮންނަ ދުވަސްދުވަހު ސްކޫލަށް ނުދެވެނީއެވެ. ބޮލުގަ ރިއްސުން ހޮޑުލެވުން، ބަނޑުގައި ރިއްސުން ފަދަ ކޮންމެވެސް ކަމެއް މެދުވެރިވާތީއެވެ. ޑޮކްޓަރުންނަށް ދެއްކުމުން ބުނަނީ އެއްވެސް ބައްޔެއް ނެތް ކަމަށެވެ.  

އެކުވެރި އަވަށްޓެރިއެއްގެ ބަހަށް ރުޤްޔާކުރާ މީހަކަށް ދެއްކުމުން ކުރި ކަންކަމުން ޔަޤީންކުރެވުނީ ވަރަށް ބޮޑަށް އެސްފީނާ ޖެހިފައި ހުރިކަމަށެވެ. އެކަންކަމުން ސަލާމްތަވެވުނީ މަސްދުވަހަށްވުރެ ގިނަ ދުވަހު މަސައްކަތްކުރިފަހުންނެވެ. ދަރަނިވެރިވާވަރަށް ޚަރަދުކުރަންވެސް ޖެހުނެވެ.  

އަޅުގަނޑު މިއުޅެނީ ސުވާލެއްކުރާކަށް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ މިކަން އެންމެންގެ ސަމާލުކަމަށް ގެނައުމެވެ. މިފަދަ ކަންކަންކޮށް ދަރިންގެ ކިޔެވުން ހަލާކު ނުކުރަން ބުނުމެވެ.  

ކުދިން މޮޅުވާނީ ފިލާވަޅުތައް ދަސްކުރުވީމައެވެ. ތިމާގެ ދަރިފުޅު މޮޅުކުރުވަން ބޭނުންވާނަމަ ދަރިފުޅަށް އެހީތެރިވެދީ ފިލާވަޅުތައް ދަސްކުރުވަންވީނޫންތޯއެވެ؟ ހަމަގައިމުވެސް ޙަސަދަވެރިވެ އެސްފީނާލުމަކީ ފާފައެކެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ހާމަކުރެއްވީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. އަދި ތިއަ ވިދާޅުވީ ކަން އޮތްގޮތެވެ. ތިއަފަދަ މައްސަލަތައް ހުށަހަޅާލެއް ގިނަކަމުން މިއަދުނޫހުގައި ވާނީ އެކިފަހަރުމަތިން ހޭލުންތެރިކުރުވަން މަސައްކަތްކުރެވިފައެވެ. ތިރީގައިވާ ލިޔުމަކީ އެގޮތުން ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެމީހެއްގެ ދަރިންނަށް މޮޅު ގޮތްތައް މެދުވެރިވާނީ އޭނާ އާއި ވާދަކުރަން ތިބި ކުދިން ބަލިކަށިކޮށް ނައްތާލައިގެން ކަމަށެވެ. އެހެންކަމުން މިކުރާ ކަމަކީ އެހެން ކުދިންނަށް ހަސަދަލުމެވެ. އެސްފީނާ އެޅުމެވެ.  

ލޮބުވެތި މައިންބަފައިންނޭވެ! ތިބާގެ ދަރިފުޅަކީ އެންމެ މޮޅު ކުއްޖާ ކަމަށް ހަދަން މަސައްކަތްކުރަންވީ ދެން ތިބި ހުރިހާ ކުދިން ނިކަމެތިކޮށްލައިގެނެއް ނޫނެވެ. ފުޓްބޯޅަ މެޗެއް ކުޅެން ދަނޑަށް އަރާފައި ވާދަކުރާ ޓީމުގެ އެންމެންނަށް ޙަމަލާދީ މަރާލީމާ އެއީ މެޗުން މޮޅުވެވޭނެ ގޮތެއް ހެއްޔެވެ؟ މެޗުން މޮޅުވުމަކީ ކުޅެގެން މޮޅުވުމުން ނޫން ހެއްޔެވެ؟ 

ހިފައިގަނެގެން މޮޅުވާ މީހާ ޖެހޭނީ ރެސްލިންގ ހިފާށެވެ! ބަނޑުމުސާރައަށް ބައްދާށެވެ! އެފަދަ ކަމެއްގައި ނޫނީ ހިފައި އޮޅުލައި ގަދަބަދަވިކަން ދައްކައިގެން މޮޅުވުމެއް ނެތެވެ.  

ވީމާ ދަރިންނާއި ވާދަކުރަން ތިބި ކުދިންނަށް ވެސް ހެޔޮ ދުޢާކުރާށެވެ! ހިތްވަރުދޭށެވެ! އެހީތެރިވެސްވާށެވެ! އެއިރުން އެކަމުގެ ސަބަބުން ތިބާގެ ދަރިފުޅަށް މާރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެތެވެ! މާރަނގަޅު ނަތީޖާ ހޯދޭނެއެވެ! އިން ޝާ ﷲ 

އެއިގެ ބަދަލުގައި އެހެން ކުދިންނަށް ހަސަދަވެރިވެ އެސްފީނާ ލީމާ ތިމާއަށާއި ތިމާގެ ދަރިފުޅަށް އެކަމުން ލިބޭނީ ދެރަ ނިކަމެތި ކަމެވެ. އެފަދަ ދެރަގޮތެއް ތިބާގެ ސަބަބުން ދަރިފުޅަށް މެދުވެރިވެއްޖެ ނަމަ ދަރިފުޅަށް އަނިޔާ ދިން މީހަކަށްވާނީ ޚުދު ތިބާއެވެ! ވީމާ ވިސްނައި ފިކުރުކޮށްލާށެވެ!  

ތިމާގެ ދަރިންގެ މައްޗަށް ހެޔޮއެދޭފަދައިން ހުރިހާ އެންމެންގެ ދަރިންނަށްވެސް ހެޔޮ އެދޭށެވެ! އެއިރުން ތިމާއަށާއި ތިމާގެ ދަރިންނަށް އެކަމުންވެސް މަންފާ ކުރާނެއެވެ! ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ. ވީމާ ތިމާގެ ދަރިންނަށް މޮޅު ގޮތްވުމަށް އެދޭ މީހާ އެއްވެސް މީހެއްގެ ދަރިއަކަށް ހަސަދަވެރިވެ ދެރަ ގޮތްވުމަށް ނުއެދޭށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން