ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާއިރު އަދި ހުކުރު ޚުތުބާ ދެއްވާއިރު، އިމާމުންނާއި ޚަތީބުން ތުރުކުރައްވާ ފޭރާން ދިވެހިވަންތަ، ސަޤާފީ ޑިޒައިނަކަށް ފަރުމާކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި ބަދަލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހާމަކުރައްވަމުން އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، އިމާމުންނާއި ޚަތީބުންގެ ފޭރާމާއި ތާކިހަލުގެ ނަމޫނާ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ދިވެހިންގެ ތާރީޚީ ތަރިކައެއް ކަމަށްވާ މާލޭ ހުކުރު މިސްކިތުގެ މުންނާރާއި، ދިވެހި ތުނޑުކުނަލުގެ ވިޔުމުގެ އިތުރުން ހިރިގަލުގެ ފަރުމާތަކަށެވެ.
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީޚު ދަމަހައްޓައި، ބޭރުގެ ނުފޫޒުތަކާއި ބިދޭސީ އާދަކާދަތަކުން ސަލާމަތްވެ، ދިވެހިވަންތަކަން ކުރިއެރުވުން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި މަސައްކަތުގެ އަމާޒަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް މި އައު ފޭރާން ތަންފީޒުކޮށް ބޭނުންކުރަން ފެށުމެވެ. އަދި މި ފަރުމާއަށް އިތުރަށް ފުރިހަމަކަން ގެނައުމަށްޓަކައި ޢާންމުންގެ ޚިޔާލަށް މިހާރު ވަނީ ހުޅުވާލާފައެވެ.