ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ބަނގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤު ރަޙްމާނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްގެންދެވީ، ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ބަނގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބަނގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެކުނު އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ މި ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ، ގާތް، ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދޭދޭ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާއެކު، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަނގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤު ރަޙްމާނު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަރިސްކުރެއްވި ތަހުނިޔާއާއި ހެޔޮއެދުންތަކަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މަންސަތަކުގައި، ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން، ބަނގްލަދޭޝްގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދޭދޭ މަސްލަޙަތު ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖެއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ބަންގްލަދޭޝް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.