ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ބޭރުން ފައިނޭންސް ހޯދުމުގައި އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.
އަބޫދާބީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކޮށް، އިތުރު ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ. މީގެއިތުރުން މި މަޝްރޫޢުގެ ސަބަބުން ބޭރުގެ ބޭންކުތަކުންނާއި އެހެނިހެން މާލީ އިދާރާތަކުން ދިވެހި ވިޔަފާރިވެރިންނަށް ފައިނޭންސް ހޯދުމުގެ މަގުތައް ތަނަވަސްވެ، ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، 500 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން 5،000 ހައުސިން ޔުނިޓް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މި އިންވެސްޓްމަންޓާއެކު، 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.