ވޭތުވެދިޔަ 48 އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ތަރައްޤީއަށް 488 މިލިޔަން ޑޮލަރުގެ އެހީ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ވޭތުވެދިޔަ 48 އަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ތަރައްޤީއަށް 488 މިލިޔަން ޑޮލަރުގެ އެހީ ދީފި

1978 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 48 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކަށް 488 މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ޙަސަން އަލް ޤަހްތާނީ ހާމަކުރައްވައިފިއެވެ.

ސަޢުދީ ސަފީރު ފާހަގަކުރެއްވި ގޮތުގައި، މި އެހީތައް މައިގަނޑު ގޮތެއްގައި ދީފައިވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމުގެ އިތުރުން ފެނާއި ނަރުދަމާ އަދި ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަޝްރޫޢުތަކަށެވެ.

މީގެއިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ފަތުރުވެރިކަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޤައުމުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައި، ރާއްޖޭގެ ތަރައްޤީއަށް ސަޢުދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން