ސަޢޫދީއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީއާއި ސަލާމަތީ ކަންކަމުގައި މުހިންމު ބައިވެރިއެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ސަޢޫދީއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީއާއި ސަލާމަތީ ކަންކަމުގައި މުހިންމު ބައިވެރިއެއް: ރައީސް

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައިވާ ދީނީ ހަމަތަކާއި، އެއްގޮތް ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އިޚުލާޞްތެރި އުޚުވަތްތެރި ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސައޫދި އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަޤާފީ ގޮތުންނާއި މެހެމާންދާރީ އަދާކުރުމުގެ ރިވެތި އާދަކާދައިގައި ދެ ޤައުމުގެ މެދުގައި ބޮޑެތި އެއްގޮތްކަންކަމެއް ހުރުމަކީ، މި ގުޅުން އިތުރަށް ވަރުގަދަވެގެންދާ މުހިންމު ސަބަބެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަޢޫދީ ޢަރަބިއްޔާއިން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ސިޔާސަތުތަކަށް ތަޢުރީފު ކުރައްވަމުން ރައީސް ވިދާޅުވީ، އެ ޤައުމުން ފެންނަނީ ކެރުމާއި، ދުރުވިސްނުމާއި، ދީލަތިކަމުގެ އިތުރުން އަސްލުވަންތަކަމުގެ އަގުހުރި ސިފަތައް ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ދުނިޔޭގެ ހަމަޖެހުމާއި ސުލްޙައާއި ތަރައްޤީއަށް ސަޢޫދީން ބޮޑު ހިއްސާއެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ދާއިރާތައް ކަމަށްވާ ދަތުރުފަތުރާއި، ގެދޮރުވެރިކަމާއި، ސިއްޙީ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާއިން ސަޢޫދީން ފޯރުކޮށްދީފައިވާ އަގުހުރި އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ސުނާމީ ކާރިސާއަށްފަހު ރާއްޖެ އަލުން އާރާސްތުކޮށް ތަރައްޤީކުރުމުގައި ސަޢޫދީން ވެދިން މުހިންމު އެހީތެރިކަމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަންކަމުގެ ތެރޭގައި، ސަޢޫދީގެ ދީލަތިކަން ދައްކުވައިދޭ ކިންގް ސަލްމާން މިސްކިތާއި، ދިވެހި ޙައްޖާޖީންނާއި ޢުމްރާވެރިންގެ ދަތުރުފަތުރު ވަރަށް ބޮޑަށް ފަސޭހަކޮށްދީފައިވާ 'މައްކާ ރޫޓް އިނީޝިއޭޓިވް' ރައީސް ފާހަގަކުރެއްވިއެވެ. އަދި ރިޔާޟުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2030 ގައި ރާއްޖެއިން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި، ޤައުމުގެ ތަނަވަސްކަމާއި ސަލާމަތްތެރިކަން ކަނޑުތަކާ ގުޅިލާމެހިފައިވާތީ، ކަނޑުދަތުރުފަތުރުގެ މަގުތަކުގެ ރައްކާތެރިކަމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން، މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ޗާޓަރުގައި ސޮއިކުރުމަކީ ދެ ޤައުމުގެ ގުޅުމުން ހާސިލުކުރެވުނު ބޮޑު ލަނޑުދަނޑިއެއްކަން ފާހަގަކުރައްވައި، ކަނޑުގެ ސަލާމަތާއި ސަރަހައްދީ ހަމަޖެހުން ޤާއިމްކުރުމުގައި ސަޢޫދީއާއެކު ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން