އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް ކައިވެނިކުރަންވާނީ މި 3 ކަންތައް ބައިވެރިޔާއަށް ކޮށްދެވޭނެ ނަމައެވެ. ނޫންނަމަ ކައިވެނިކޮށް ވަޤުތު ބޭކާރުނުކުރާށެވެ. އެކަމުން ކުރާނެ ފައިޑާއެއް ނެތެވެ.
ފުރަތަމަ ކަމަކީ ތިމާގެ ހަށިގަނޑު ބައިވެރިޔާ ނޫން މީހަކަށް ނުދިނުމެވެ. އެއިގެ ތެރޭގައި ހަށިގަނޑު ނުވަތަ ހަށިގަނޑުން މިންވަރެއްވިޔަސް އެހެން މީހަކަށް ނުދެއްކުމާއި އެހެން މީހަކު ޝައުޤުވެރިކުރުވަން ވާހަކަ ނުދެއްކުންވެސް ހިމެނެއެވެ.
ދެވަނަ ކަމަކީ ސިއްރާއި ފައުޅުގައި ބައިވެރިޔާ ހިމާޔަތްކޮށް ރައްކައުތެރިކަން ދިނުމެވެ. އެއިގެ ތެރޭގައި ބައިވެރިޔާ ދިފާޢުކޮށްދޭންޖެހޭ ކޮންމެ ޙާލަތެއްގައިވެސް އެކަންކުރުން ހިމެނެއެވެ.
ތިންވަނައީ އަނެކާ ދެކެ ލޯބިވުމެވެ. ފަހަރެއްގައި ދިމާވާ ގޮތަކުން އެހައިބޮޑަށް ލޯބިނުވެވޭ މީހަކާއިވެސް ކައިވެނިކުރަންޖެހިދާނެއެވެ. އެޙާލަތުގައިވެސް ކައިވެނިކުރަންވާނީ ފަހުން ލޯބިނުވެވުނަސް އޭނާއާއި ވަކިނުވެ އެކުގައި އުޅެވޭނެ ނަމައެވެ.
ގިނަ ކައިވެނިތައް ރޫޅެމުންދަނީ ލޯބީގެ މައްސަލައިގައެވެ. ކުރިން ލޯބިވެފައި ފަހުން ލޯބިނުވެވޭތީއެވެ. ފަހުން ލޯބިވެވިދާނެ ކަމަށް ވިސްނައި ކައިވެނިކުރުމަށްފަހު ފަހުން ލޯބިނުވެވޭތީއެވެ.
ވީމާ ކައިވެނިކުރަންވާނީ މި 3 ކަންތަކަށް ރަނގަޅަށް ވިސްނުމަށްފަހުގައެވެ. މި ކަންތަކަށް ރައްކައުތެރިވެވޭނެ ނަމައެވެ. ނޫންނަމަ ކައިވެނިވެގެންދާނީ ޙަޔާތުން ބޭކާރުކޮށްލެވޭ ދުވަސްތަކަކަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް