ތިބާކުރާ ދުޢާ ދުނިޔޭގަ ޢިޖާބަ ނުކުރައްވަވައިފިނަމަ ލިބޭނެ އުފާވެރިކަން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ތިބާކުރާ ދުޢާ ދުނިޔޭގަ ޢިޖާބަ ނުކުރައްވަވައިފިނަމަ ލިބޭނެ އުފާވެރިކަން މާބޮޑުވާނެ!

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "އަހުރެން އެންމެ އުފާވަނީ އަހުރެންކުރާ ދުނިޔޭގައި ޢިޖާބަނުކުރައްވަވާތީއެވެ. އެއީ އެކަމުން އަހުރެންނަށް ޤިޔާމަތް ދުވަހު ލައްވަވާނެ ރަޙުމަތް މާބޮޑުވީމައެވެ. އަދި ކީއްހެއްޔެވެ؟ ދުނިޔޭގައި ޢިޖާބަ ކުރައްވަވައިފިނަމަ އެކަމަކީ ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ."  

ބައެއް މީހުންނަށް އެމީހުން ދުނިޔޭގައި އެދޭ ގިނަ ކަންތައްތަކެއް ޙާޞިލުވެއެވެ. އިތުރަށްވެސް ޙާޞިލުވެއެވެ. ނަމަވެސް އެއިގެ މާނައަކީ އޭނާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންހުރި މީހަކުކަމަށްވުމެއް ނޫނެވެ.

ހަމައެގޮތަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ހުރި މީހަކަށް އެމީހަކު ދުނިޔެއިން ބޭނުންވާ ގިނަ ކަންތައްތަކެއް ޙާޞިލްނުކުރެވިވެސް ހުރެދާނެއެވެ. ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

ދުވަހުގެ އިރުއޮއްސިގެންދާއިރު ތިމާ ކުރަން ބޭނުންވި ކަންކަން ނުކުރެވި އޮތުމުން އެއީ ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާތީ ކަމަށް އެއްގޮތަކަށްވެސް ނުވިސްނާށެވެ! ޔަޤީންކުރަންވީ އެއީ ތިމާދެކެ ﷲ ތައާލާ ލޯބިވެވޮޑިގަންނަވާތީ ކަމަށެވެ.  

މީސްތަކުންނަށް ބަލައިފިނަމަ ތިމާއަށް ލިބޭނެ ނަމަ މުޅި ދުނިޔެ ބޭނުން ނުވާ މީހަކު ވަރަށް މަދުވާނެއެވެ. ވީމާ މުޅި ދުނިޔެ ނުލިބުމަކީ އެދޭ ކަންކަން ޙާޞިލު ނުވީ ކަމަށް ނުދެކޭށެވެ! ކުޑަ ހައިހޫނު ކަމަކާއިއެކުގައިވެސް ދުނިޔޭގައި ލަހައްޓަވާފައި ހުރިނަމަ ﷲ ތަޢާލާ ތިމާ ދެކެ ލޯބިވެވޮޑޮގަންނަވާ ކަމަށް ޔަޤީންކުރާށެވެ!  

ފަތިސްނަމާދަށް ހޭލަންވީ އެދުވަހު ތިމާއަކީ ހުރިހާ ކަމެއް ފުދި އިތުރުވެގެންހުރި މީހަކު ކަމުގައިވާނެކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. ފަތިސްނަމާދަށް ހޭލަންވީ އެއީ ތިމާއަށް ކުރަން ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމަކަށްވާތީއެވެ. ވީމާ އިރުއޮއްސެންވާއިރަށް ތިމާ ޙާޞިލުކުރަން ބޭނުންވި ހުރިހާ ކަންކަން ޙާޞިލު ނުވުމަކީ އެއްވެސް ވަރަކަށް ވިސްނަންވެސް ޖެހޭ ކަމެއް ނޫނެވެ. 

ތިމާ ކުރާ ދުޢާތަކުގެ ތެރެއިން ޢިޖާބަ ނުކުރައްވަވައި ހުރި ދުޢާތަކަކީ ތިބާއަށް ހުރި އެންމެ ބޮޑު ރަޙްމަތް ކަމުގައި ވެދާނެއެވެ! އެގޮތަށް ވިސްނައި ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށްގެން އަބަދުވެސް ހުންނާށެވެ! ފުރިހަމަ މުސްލިމުންގެ ގޮތަކީ އެއީއެވެ!  

ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައި މާޔޫސް ނުވާށެވެ! އިއްޔެ ޙާޞިލު ނުކުރެވުނު ކަންކަން މާދަމާ ޙާޞިލުކުރެވޭނެ ކަމުގެ ޔަޤީންކަމުގައި މިރޭ ވެސް ފަތިހު ހޭލާށެވެ! އަދި އެއިގެ ކުރިން ހޭލައި ދަމުނަމާދުވެސް ކޮށްލާށެވެ! ހުރިހާ ކަންކަން ވެސް ދާނީ ޙާޞިލުކުރެވެމުންނެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން