ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމަކީ އުޖާލާ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 11ސ
ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމަކީ އުޖާލާ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ތަރައްޤީގެ މަގުގައި އިތުރު ފުރުޞަތުތަކާއި ފާގަތިކަމާއި އުޖާލާ މުސްތަޤްބަލަކަށް މަގު ތަނަވަސް ވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބިނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، އިސްތިޤްލާލީ ހަމަހަމަކަމާއި، ސުލްޙަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމާއި، އަދި ވަން ޗައިނާ ޕްރިންސިޕަލް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަމުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، 2024ގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެއްބަސްވެވުނު "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް"ގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ވާސިލްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ޗައިނާއިން ވެދެމުންދާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވަމުން، ޒަމާނީ އަރބަން ޑިވެލޮޕްމަންޓް މަޝްރޫޢުތަކާއި، ރަށްރަށުގެ ދެމެހެއްޓެނިވި ބިނާވެށިކަމާއި، ތަޢުލީމާއި، ފަންނީ ތަމްރީނުގެ ފުރުޞަތުތަކާއި، އިދާރާތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، އެހެނިހެން ތަރައްޤީގެ މަސައްކަތްތަކުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މެދުވެރިކޮށް ވިޔަފާރިއާއި އިޤްތިޞާދީ ގޮތުން ފުޅާވަމުން އަންނަ ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ހުރި ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ނުތަވަސްކަމުގެ ސަބަބުން، ޢާންމު ދިރިއުޅުމަށާއި އިގުތިސާދަށާއި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް މިންވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިފަދަ ގޮންޖެހުންތަކާއި ދެކޮޅަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގައި މަޝްވަރާއާއި، އެއްބާރުލުމާއި، ދެފަރާތަށް އިޙްތިރާމްކުރުމާއި، އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވައި، ޞުލްޙަމަސަލަސްކަމަކީ ތަރައްޤީއަށް ފުރުޞަތު ތަނަވަސްކޮށްދޭ ކަމެއް ކަމަށާއި، ހަމަޖެހުމަކީ ފާގަތިކަމުގެ އަސާސް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގޮންޖެހުންތަކުން އެކުގައި އަރައިގަތުމަށް ޤައުމުތަކަށް ބާރު ލިބިދެނީ އެއްބާރުލުމުގެ ތެރެއިން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިމަގަށް އަލިއަޅުއްވާލައްވަމުން، ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ހަތަރު މަޝްރޫޢު ހިމެނޭހެން، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ޝައުޤުވެރިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ސަރުކާރާއި، އެޤައުމުގެ ރައްޔިތުންނަށް މި މުނާސަބަތުގެ ތަހުނިޔާ ފޮނުއްވައި، ޗައިނާގެ ކުރިމަގަށް އަދަށްވުރެ ރޯޝަނީ މުސްތަޤްބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގ ޝިންހުއާގެ އިތުރުން ދެޤައުމުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން