މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމާއި، ވިލިމާލެ ހޮސްޕިޓަލު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.
ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލް މަޝްރޫޢު މިހާރު އޮތީ ބިޑިންގ މަރުހަލާގައި ކަމަށާއި، މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު އޮތީ ޑިޒައިން މަރުހަލާގައި ކަމަށެވެ. އަދި މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ރަށްރަށުގެ ކައުންސިލް އިދާރާތައް އިމާރާތްކުރުމަށް ހިންގާ މަޝްރޫޢު މިއަހަރު ނިމުމުގެ ކުރިން އެޕްރޫވްވާނެ ކަމަށްވެސް ޗައިނާގެ ސަފީރު ވިދާޅުވިއެވެ. އަދި ސިނަމާލެ ބުރިޖުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ މެއިންޓެނަންސްގެ ޚިދުމަތްތައް ޗައިނާގެ އެހީގައި ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އަންނަ މަހު 'ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް' ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޗައިނާއިން 280,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.