އެމްޓީސީސީއާއި ޔޫއޭއީގެ އެންއެމްޑީސީ ގްރޫޕާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
އެމްޓީސީސީއާއި ޔޫއޭއީގެ އެންއެމްޑީސީ ގްރޫޕާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނެޝެނަލް މެރިން ޑްރެޖިންގ ކޮމްޕެނީ (އެންއެމްޑީސީ) ގްރޫޕާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އަބޫދާބީގައި ހުންނަ އެންއެމްޑީސީގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ ތޯރިޤް އިބްރާހިމް، އެމްޓީސީސީގެ ޗެއަރޕާސަން ސާދާ އިބްރާހިމް އަދި މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ. އެންއެމްޑީސީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ ނީލްސް ޑި ބްރާއެން އަދި މެނޭޖްމަންޓުގެ އިސް ވެރިންނެވެ. އެންއެމްޑީސީ ގްރޫޕަކީ މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ ޤައުމުތަކުގައި މެރިން ޑްރެޖިންގ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

މި ބައްދަލުވުމުގައި ދެ ކުންފުނީގެ މެދުގައި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެގޮތުން، ދެ ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫޢުތަކަށް އެންއެމްޑީސީން އިންވެސްޓްކުރުމާ ގުޅޭގޮތުން ވަނީ ވާހަކަދެކެވިފައެވެ. މީގެއިތުރުން، ޑްރެޖިންގ ސަޕޯޓާއި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމުގެ އިތުރުން މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ޓްރޭނިންގ އަދި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާމެދު ވެސް މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަށް ރިޢާޔަތްކޮށް ދެފަރާތުގެ ދެމެދުގައި ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.

އެމްޓީސީސީގެ މައިގަނޑު އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުމެވެ. އަދި ވޭތުވެދިޔަ 45 އަހަރު ކަސްޓަމަރުންނާއި، ޙިއްސާދާރުންނާއި، ވިޔަފާރީގެ ބައިވެރިންގެ އިތުރުން ޢާންމު ރައްޔިތުން ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމަކީ ވެސް އެ ކުންފުނީގެ ބޮޑު އަމާޒެކެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީ އަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ ވަރަށް މުހިންމު މަރުޙަލާއެއްގައި ވުޖޫދުވި ކުންފުންޏެކެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ އަގުހުރި، މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއަދު އޮންލައިން