ކީރިތި ޤުރުއާނުގެ ދާއިރާއިން ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ ވަރަށް ހެޔޮ ދުވަސްތަކެއްކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެއްވުމަށް މުޅި ރާއްޖޭގައިވެސް ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށާއި، މި ދާއިރާއިން މިއަދު ދެކެމުން މިދާ ހެޔޮ ދުވަސްތައް ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކިރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ގެނެވުނު ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރަތަކީ، މުބާރާތުގެ ތާރީޚުގައިވެސް އެންމެ ބޮޑު ބަދަލާއެކު ކުރިއަށް ގެންދެވުނު މުބާރާތްކަމަށާއި މި މުބާރާތަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުންކަމަށެވެ. އަދި މިއީ މުބާރާތަށް ގެނެވުނު މުހިއްމު ބަދަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ކީރިިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ ވަރަށް ކާމިޔާބު މުބާރާތެއްކަމަށާއި، މުބާރާތް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިރޭ ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.