މައްކާގެ މަސްޖިދުލްޙަރާމްގެ މަޝްހޫރު އިމާމު އަދި ޚަޠީބު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޑރ. ޔާސިރް އައްދައުސަރީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ޒުވާން ޚަޠީބުންގެ މަހާސިންތާއާ ގުޅިގެން އަރުވާފައިވާ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ވަޒީރު އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، އިމާމު ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީޚު ކަނޑައަޅައި ހަމަޖައްސަވާނީ މިހާރު ކުރިއަށްދާ އޯލެވެލް އިމްތިޙާން ނިމުމުންނެވެ. މި ދަތުރުފުޅަކީ ޒުވާން ޚަޠީބުންނަށް މުހިންމު ތަޖުރިބާތަކެއް ޙިއްޞާކުރެވިގެންދާނެ ދަތުރުފުޅެކެވެ.
ޑރ. ޔާސިރް އައްދައުސަރީއަކީ މަސްޖިދުލްޙަރާމްގެ އިމާމުންގެ ތެރެއިން އެންމެ ޒުވާން އަދި ގިނަ ބައެއްގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައިވާ ޤާރީއެކެވެ. މިއީ ވޭތުވެދިޔަ 43 އަހަރަށް ފަހު މަސްޖިދުލްޙަރާމްގެ އިމާމަކު ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.