ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ޗައިނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫޢުތަކާއި ގުޅޭގޮތުން، ޗައިނާގެ ކަމާބެހޭ ފަރާތްތަކާއެކު ވަޒީރު ހީނާ ވަލީދު މަޝްވަރާކުރައްވައިފި.
މިމަޝްވަރާތައް ބާއްވާފައިވަނީ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މިދަތުރުފުޅުގައި ވަޒީރު ވަނީ ޗައިނާގެ ޝަންގްހައި ޔުނިވަރސިޓީ އާއި ހުވާން އިންޖިނިއަރިންގް ސޭފްޓީ ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑް އަދި ޗައިނާ ފައުންޑޭޝަން އޮފް ކަލްޗަރަލް ހެރިޓޭޖް ކޮންޒަރވޭޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވާ އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ..
ޝަންގްހައި ޔުނިވަރސިޓީ އާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ސަގާފީ ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމާއި އެދާއިރާއިން ލިބެން ހުރި ތައުލީމީ ފުރުސަތުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައިވެއެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވިފައިވަނީ 22 ސެޕްޓެމްބަރ 2026 ދުވަހު ޗައިނާގެ ޝަންގްހައި ޔުނިވަރސިޓީގައެވެ. މިބައްދަލުވުމުގައި ޝަންގްހައި ޔުނިވަރސިޓީގެ ވައިސް ޕްރެޒިޑެންޓް، ސްކޫލް އޮފް ކަލްޗަރ ހެރިޓޭޖް އެންޑް އިންފޮރމޭޝަން މެނޭޖްމަންޓްގެ ޑީން އަދި ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ވައިސް ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.
ހޮންގްޖޯ ހުވާން އިންޖިނިއަރިންގް ސޭފްޓީ ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑް އާއި ޗައިނާ ފައުންޑޭޝަން އޮފް ކަލްޗަރަލް ހެރިޓޭޖް ކޮންޒަރވޭޝަންއަށް ވަޑައިގެން މިދެތަނުގެ އިސްވެރިންނާއިވެސް ވަޒީރު ބައްދަލުކުރެއްވިއެވެ.
23 ސެޕްޓެންބަރު 2026 ގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ދާއިރާގެ އާ ޓެކްނޮލޮޖީ އާއި އާއީޖާދުތަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމާއިފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ޗައިނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ މަޝްރޫޢުތަކާއިގުޅޭގޮތުންނެވެ..
މި ބައްދަލުވުމުގައި ހޮންގްޖޯ ހުވާން އިންޖިނިއަރިންގް ސޭފްޓީ ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކުންފުނީގެ ޗެއާރމަން، ޖެނެރަލް މެނޭޖަރ، ޗީފް ފައިނޭންޝަލް އޮފިސަރ، ޑެޕިއުޓީ ޗީފް އިންޖިނިއަރ، ފައުންޑޭޝަން އޮފް ކަލްޗަރަލް ހެރިޓޭޖް ކޮންޒަރވޭޝަންއިން ބައިވެރިވެޑައިގެންނެެވީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، އަދި އެ މުއައްސަސާގެ ޑިރެކްޓަރއެވެ.
ވަޒީރު ހީނާ ވަލީދުގެ މިދަތުރުފުޅުގައި 23 ސެޕްޓެންބަރު 2026 ގައި މިއުޒިއަމް އޮފް ނެޝަނަލް ހިސްޓްރީއަށް ވަޒީރު ހީނާވަލީދު ޒިޔާރަތްކުރައްވާ އެތަނުގެ އެކި ބައިބައި ބައްލަވާލެއްވިއެވެ.
މީގެ ތެރޭގައި ބިމުގެ ޢިލްމާއި ކަނޑުގެ ދިރުންތަކާ ބެހޭ މަޢުރަޒާއި، ތާރީޚީ ކުރީގެ އާސާރު ކަލެކްޝަންތަކުގެ އިތުރުން، ކަނޑުމަގުން ކުރާ ވިޔަފާރީގެ ތާރީޚާ ގުޅޭ ތަރިކަ ދައްކުވައިދޭ މިއުޒިއަމްގެ އެކި ބައިތައް ވެސް ބައްލަވާލެއްވިއެވެ.
މި ދަތުރުފުޅުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒް ބައިވެރިވެވަޑައިގަންނަވައެވެ.
ހަބަރު: ސަރުކާރު