ބޯހިޔާވަހިކަމުގެ ދާއިރާއިން ލޯނު ދޫކުރާއިރު، އިމާރާތްކުރަން ފަށައި ނުނިމިހުރި ތަންތަން ނިންމުމަށް ފުރުޞަތު ލިބޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި، ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތަކާ ގުޅޭގޮތުން އާންމުން ހުށަހެޅި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ރައީސާ ބައްދަލުކުރި އާންމު ފަރާތަކުން ވަނީ 5 އިންސައްތައިގެ ކުޑަ އިންޓަރެސްޓުގައި އަދި އިކުއިޓީ 5 އިންސައްތައަށް ކުޑަކޮށް ހައުސިން ލޯނު ދޭއިރު، މިހާރު އިމާރާތްކުރަން ފަށައި މަސައްކަތް ހުއްޓިފައިވާ ނުވަތަ ނުނިމިހުރި ތަންތަން ނިންމުމަށްވެސް އެ ލޯނުގެ ތެރެއިން ފުރުސަތު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައެވެ.
އެ ކަމާ ގުޅޭގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމުމުގެ ފުރުޞަތުގެ އިތުރުންވެސް، ލޯނާ ގުޅިގެން އާންމުންނަށް އިތުރު ލުއިތަކާއި ފުރުޞަތުތައް ހޯދައިދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.
"އެބަ އުޅޭ މިހާރު ހައުސިން މިނިސްޓްރީން އެ މަސައްކަތުގައި. އިތުރު ފުރުޞަތުތައް އެބަ ހުޅުވާލަން އައު ފުުރުޞަތުތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި ފުރުސަތުތައް ހިމެނޭހެން އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ އުސޫލުތައް އެކުލަވާލައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.