ލޯބީގެ ބާރުގަދަވީމާ ހިފަހައްޓާނުލެވިގެން އެބާރުގަދަ ތޫނު އެސިޑް ގެންދިއަ ލޮލުގެ ފެނުން އަނބުރާ ދޭންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ލޯބީގެ ބާރުގަދަވީމާ ހިފަހައްޓާނުލެވިގެން އެބާރުގަދަ ތޫނު އެސިޑް ގެންދިއަ ލޮލުގެ ފެނުން އަނބުރާ ދޭންޖެހުނު ޙާދިސާއެއްގެ ވާހަކަ-

ޢާބިދާގެ މަންމަ ނިޔާވީ ޢުމުރުން 16 އަހަރުގައެވެ. އަހަރެއްހައި ދުވަސްފަހުން ބައްޕަ ދޮންމަންމައަކު ގެއަށް ގެނައެވެ. ޢާބިދާ އާއި އެއް ޢުމުރުގެ ދަރިއަކާއިވެސް އެކުގައެވެ.  

މިޙާލަތުގައި ގިނަފަހަރު ކަންކަން ދިމާވާ ފަދައިން ޢާބިދާއަށްވެސް ކުރިމަތިވީ ވަރަށް ދެރަގޮތެކެވެ. އެއީ އެހިސާބުން ގޭގެ ނޯކަރަށް ވާންޖެހުމުންނެވެ. ޢާބިދާ އެކަމަކަށް ޝަކުވާއެއް ނުކުރެއެވެ. ކިޔަވައިނިމި ކޮލެޖުވެސް ނިމުނުތަނާ އެއިރު ގެއަށް އައިސް އުޅޭ ތަނަވަސް މީހަކު ޢާބިދާއާއި ގުޅެން ބޭނުންވިއެވެ. އެކަމަކު ދޮންމަންމަ ބޭނުންވީ އޭނާގެ ދަރިފުޅާއި ގުޅުވާށެވެ. 

ދޮންމަންމަގެ ބޭނުން ފުދޭނެ ގޮތް ނުވުމުން ހަމަ ޔަޤީނުންވެސް އެޒުވާނާ ޢާބިދާއާއި ކައިވެނިނުކުރާނެ ކަމަށްބަލައި ޢާބިދާ ނިދަން އޮއްވައި ލޮލަށް އެސިޑުގެ ޙަމަލާއެއް ދިނެވެ. އެކަމުގެ ސަބަބުން ދެލޮލުގެ ފެނުން ގެއްލުމުންވެސް ޒުވާނާ ކައިވެނިކުރީ ޢާބިދާއާއިއެވެ. ލޮލަށް ދުވަހަކު ނުފެނުމަކީ މައްސަލައަކަށް ނުވިއެވެ. ހިތުގައި އޮތް ތެދުވެރި ލޯބީގެ ބާރުގަދަވީއެވެ.  

ކައިވެނިކުރުމަށްފަހު ފުރަތަމަވެސް މަސައްކަތްފެށީ ޢާބިދާގެ ލޮލަށް ފަރުވާކުރުމަށެވެ. ބޭރަށް ގެންގޮސް ބޮޑެތި ޚަރަދުތައް ކުރިއެވެ. އެއްލޯ ބަދަލުވެސް ކުރަންޖެހުނެވެ. އެނބުރި އައީ ލޮލަށް ފެންނަ ޙާލުގައެވެ.  

އެނބުރި އައިސް ދިރިއުޅުނީ ފިރިމީހާގެ ގޭގައެވެ. ޢާބިދާއަށް ބައްދަލުކުރެވެނީ ބައްޕައާއިއެވެ. ދޮންމަންމައާއި އަދި އޭނާގެ ދަރިފުޅާއި ބައްދަލުކުރުން ފިރިމީހާ މަނާކުރިއެވެ. އެގެއަކަށް އެދެމައިން ނުވެސް ވައްދައެވެ.

ޢާބިދާއަށް އެބޮޑުދެރަ ދިން މީހަކު ކުރިން ނުއެނގުނު ނަމަވެސް ފަހުން ޙަޤީޤަތް އެނގުނެވެ. ނަތީޖާއަކަށްވީ ބައްޕަ ދޮންމަންމަ ވަރިކޮށް ހެޔޮލަފާ އަންތބަކު ހޯދުމެވެ.  

މިޙާދިސާގެ ވާހަކައިން އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އެއީ ދެލޯ އަނދިރިކޮށްނުލެވުނު ނަމަވެސް އަޅުގަނޑަކީވެސް ދޮންމަންމައެއްގެ ބޮޑެތި އަނިޔާތައް ލިބުނު އަންހެނަކަށްވާތީއެވެ. އަޅުގަނޑުގެ ކައިވެންޏަށްވެސް ހުރަސްއެޅިއެވެ. ނަމަވެސް ލޯބިވެރިޔާ އަޅުގަނޑު ދޫކޮށްނުލައި ކައިވެނިކުރީއެވެ.  

އެހެންކަމުން ތެދުވެރި ލޯބީގެ ހުރި ބާރު އަޅުގަނޑަށްވެސް މިވަނީ ފެނި ތަޖުރިބާ ކުރެވިފައެވެ.

 

ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން