ބައެއް މީހުން، އެމީހުންނަށް ތަނަވަސްކަމާއި ބާރު ލިބިފައިވާނަމަ އަންނަ ރުޅިއާއިއެކު އަތްއިސްކުރެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ތަނަވަސްކަން ނެތަސް، ބާރެއް ލިބިފައިނުވި ނަމަވެސް ބައެއް މީހުންނަށް ވަރަށް ފަސޭހައިން އަތްއިސްކުރެވޭ ސަބަބުތަކުގެ ތެރޭގައި ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ އެހެން މީހަކާ ގުޅުން ހިންގާކަން އެނގުން ހިމެނެއެވެ.
މިފަދަ ކަމެއް ފެނުނީމާ ހިތަށް ވަރަށް އަސަރުކުރާނެއެވެ. ރުޅިއައުދެވޭނެއެވެ. ނަމަވެސް އަތްއިސްނުކުރާށެވެ. އެކަމުން ލިބޭނެ ދެރަ މާބޮޑުވާނެތީއެވެ. ނަމަވެސް އެކަމަށް ވިސްނާ ނުލައި ބައެއް މީހުން އަނެކާގެ ފޭރާން ވީދުން ފަދަ ކަންކަންވެސް ކުރެއެވެ. މިހުންނަނީ ވަރަށް ދަށުދަރަޖައިގެ ޢަމަލުތަކެވެ.
ޢާންމުތަނެއްގައި އެފަދަ ކަމެއްކޮށްފިނަމަ ގިނަ މީހުން ކުށްވެރިކުރާނީ ބޭވަފާތެރިވި މީހާއެއް ނޫނެވެ. އެބާވަތުގެ ކަމެއްކުރިމީހާއެވެ. އަހުރެން ނަބީޞަހތެއްގެ ގޮތުން މިވާހަކަކޮޅު މިބުނީ ދާދިފަހުން ހަމަ މިތާކައިރިން ފެނުނު ކަމެއްގެ ސަބަބުންނެވެ. އެކަމުގެ ނަތީޖާ ނިކަންދެކިބަލާށެވެ! އަނިޔާކުރި ޒުވާނާއަށް އެހުންނަނީ ގެއިން ބޭރަށްވެސް ނުކުންނަން ނުކެރިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް-:
ތަނަވަސް އަންހެނަކު ކާރުޕާކުކޮށްފައި އެނބުރިލިތަނުން އޭނާގެ ފިރިމީހާ ލޯބިވެން އުޅޭ އަންހެން މީހާ އެކުވެރިއަކާއެކު ހުއްޓާ ފެނުނެވެ. 10 އަހަރުވަންދެން ކައިވެނިކޮށްގެން އުޅެފައިވާ ފިރިމީހާ ލޯބިވެގެން އުޅޭ ޒުވާން އަންހެންކުއްޖާ ފެނުމުން ލޭކެކޭގޮތްވިއެވެ.
އޭނާގެ ކައިރިއަށް ޖެހިލާފައި އެއްޗެތިގޮވަމުންގޮސް ތަޅައިގަތެވެ. ބޭނުންވަރަކަށް ތެޅުމަށްފަހު ހިތްހަމަޖެހިލައިގެން ކާރަށް އަރައި ދުއްވައިލިއެވެ.
އެވަގުތު އަނިޔާ ލިބުނު އަންހެންމީހާ އެކުވެރިޔާއަށް ބުންޏެވެ. "އަހަރެން ކަލެއާއިއެކު އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެވަރަށް އަހަރެންނަށް އަނިޔާކުރިއިރުވެސް ކަލޭ އަޅައެއްވެސް ނުލިއެވެ. އަހަރެންނަށް ރައްދުގައި ކަމެއް ނުކުރެވުނީ އޭނާއަށްވުރެ ބަލިކަށިވީމައެވެ. ކަލޭ ބައިވެރިވިނަމަ ދެމީހުންވެގެން އޭނާއަށް ރައްދުދެވުނީހެވެ. ވީމާ މިހިސާބުން ކަލެއަށް ފައިސާގެ އެހީދިނުން ނިމުނީއެވެ."
ޖަވާބުގައި އެކުވެރިޔާ ބުންޏެވެ. "އަހަރެން ކުރި މަސައްކަތުގެ ފައިދާ މާބޮޑުވާނެއެވެ. އެމަސައްކަތުން ވަރަށް ގިނަ ފައިސާ ހޯދިދާނެއެވެ. ލިބުނީމާ މަށަށްވެސް ބައެއް ދޭށެވެ. ނުދިނަސް އެންމެ ރަނގަޅެވެ. އަވަހަށް ޕޮލިސް ސްޓޭޝަނަކަށް ހިނގާށެވެ."
އެކުވެރިޔާ ބުނިބުނުމަށް ފުލުސް ސްޓޭޝަނަށްގޮސް މައްސަލަ ހުށަހެޅުމުން ހެކިދައްކަން ބުނުމުން އެކުވެރިޔާ ހެކިކަމުގައި ދެއްކީ އޭނާގެ ފޯނަށް ރެކޯޑްކޮށްފައިވާ ވީޑިއޯއެވެ.
ފުލުހުން މައްސަލަ ބަލައި ކޯޓަށް ފޮނުވުމުން ބޮޑު ޢަދަދަކުން ތަނަވަސް އަންހެން މީހާ ޖުރުމަނާކޮށް ބަދަލުހޯދައިދިނެވެ. ފައިސާ ލިބުމުން ދެ އެކުވެރިންނަށް ހަމަހަމަކޮށް ބަހައިލީއެވެ.
މިއީ އަޅުގަނޑަށް ވިސްނޭ ގޮތުގައި ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. އަތްއިސްކުރާ މީހުންނަށް ފިލާވަޅެކެވެ. އަދި ބުއްދީގެ ބޭނުންކުރުމުން ކުރާނެ ފައިދާއެވެ. ހަމައެއާއިއެކު ފިރިމީހާ ނުވަތަ އަނބިމީހާ މީހަކާ ހިތާވުމަކީ އެމީހެއްގެ ގައަށް ބޮލަށް އަރައި އަނިޔާކުރަންޖެހޭ ކަމެއް ނޫނެވެ. ޙައްލު ހޯދަންޖެހޭނީ ކަންކަން ކުރަން އޮންނަ ގޮތަށް ކޮށްގެންނެވެ.
- ޢާއިޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް