އެންމެހައި ޙަމްދު ސަނާއާއި ތަޢުރީފު ޙައްޤުވެގެންވަނީ މާތް ﷲއަށެވެ. އެކަލާނގެއީ އީމާންކަމާއި އިސްލާމްކަމުގެ މަތިވެރި ނިޢުމަތް ދެއްވައި، ޞައްޙަ ޢަޤީދާއާއި ސަލާމަތުގެ މަގަށް މަގުދެއްކެވި ރަސްކަލާނގެއެވެ. މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކުނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުއަޞްޙާބުންނަށާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބާވީހައި ބަޔަކަށް ޞަލަވާތާއި ސަލާމާއި ބަރަކާތްލައްވާނދޭވެ! އާމީން!
އެއަށް ފަހު ދަންނާށެވެ! މާތް ﷲގެ އަޅުތަކުންނޭވެ! އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެތަކުންނަށް، މާތް ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި، މުސްލިމުންކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!"[1]
މުސްލިމް އަޚުންނޭވެ! މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. ފަހެ ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގަލެވެ. އެންމެންވެސް، ހަމަޖެހުމާއި އުފާވެރިކަމަށް އެދެއެވެ. ނަމަވެސް، ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެންނެވެ. އެ ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އެއުރެންނަކީ، އީމާންވެތިބެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ."
މާތް ﷲގެ އަޅުތަކުންނޭވެ! އިންސާނާއަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދަކު މާތް ﷲ ރަސޫލުންނާ ނަބިއްޔުން ފޮނުއްވިއެވެ. އެ ބޭކަލުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ މާތް ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށް އެ ބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރީން ވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!" އެ ބޭކަލުން ދުނިޔެވީ ތަނަވަސްކަމާއި ފާގަތިކަމަށް އިހުމާލުވެވަޑައެއްނުގަންނަވައެވެ. އެހެނެއްކަމަކު ޞައްޙަ ޢަޤީދާގެ ބިންގާ ވަރުގަދަކުރެއްވުމަށް މަސައްކަތްކުރެއްވެވީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ، ޞައްޙަ ޢަޤީދާކަމުގައި ވާތީއެވެ.
މުސްލިމް އަޚުންނޭވެ! ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ މާތް ﷲގެ ރަސޫލުންނާއި ނަބިއްޔުންނަށެވެ. ޚާއްޞަކޮށް، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدٌ ސއވ އަށް އެތައް ދަތިތަކަކާއި ތަކުލީފުތަކަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެކަލޭގެފާނަށް އަނިޔާވެރިކަމާއި ފުރައްސާރައާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބޭފުޅުން ވަކިވެދިޔުމުގެ ހިތާމަ ތަޙައްމަލުކުރެއްވިއެވެ. އަދި ބަނޑުހައިހޫނުކަމާއި ފަޤީރުކަމުގެ ދަތިކަންވެސް ތަޖުރިބާކުރެއްވިއެވެ. އެހެންނަމަވެސް، އެކަލޭގެފާނު ދެމިހުންނެވީ ކެތްތެރިކަމާއެކު މާތް ﷲގެ މިންވަރުފުޅަށް ރުހިވަޑައިގެންވާ ޙާލުގައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅު ކަނުލައި އަޑުއަހާށެވެ! (ذَاقَ طَعْمَ الْإِيـْمَانِ مَنْ رَضِيَ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِيْنًا، وَبـِمُحَمَّدٍ رَسُوْلًا)[2] މާނައީ: "ﷲއީ ރައްބުކަމުގައްޔާއި، އިސްލާމްދީނަކީ ދީންކަމުގައްޔާއި، އަދި މުޙައްމަދު zއީ ރަސޫލާކަމުގައި ރުހި ޤަބޫލުވެއްޖެ މީހާ، އީމާންކަމުގެ ފޮނިމީރުކަން ލިބިގެންފިއެވެ."