ޚުޠުބާ: އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ.

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 59ސ
ޚުޠުބާ: އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ.

މުސްލިމް އަޚުންނޭވެ! ބާއްޖަވެރިކަމާ ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، އުޚުރަވީ ޙަޔާތް ވިއްކައިލަނީ ކިތައްމީހުންހެއްޔެވެ؟ ބޭރުފުށް ރީތިކޮށް ދެއްކުމަށް އަހަރެމެން މަސައްކަތްކުރަމުއެވެ. ނަމަވެސް އެތެރެފުށުގެ ޙާލާމެދު ފިކުރެއްނުކުރަމުއެވެ. ސަލަފުއްޞާލިހުން، އެއް ބޭކަލަކު އަނެއް ބޭކަލަކަށް ނަސޭހަތްތެރިވެ ވިދާޅުވާ ކަމަށް، مَعْقِلُ بْنُ عُبَيْدُ اللهِ الْجَزَرِيّ ނަޤުލުކުރައްވައިފައިވެއެވެ.

"އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްފި މީހާގެ ބޭރުފުށް މާތް ﷲ އިޞްލާޙުކޮށްދެއްވާނެތެވެ. އަދި އެ މީހަކާއި މާތް ﷲއާ ދެމެދުގައިވާ ގުޅުން އިޞްލާޙުކޮށްފި މީހާއަށް، އެ މީހަކާއި މީސްތަކުންނާ ދެމެދުގައިވާ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ. އަދި އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ."[1] ފަހެ، ކާމިޔާބީގެ ދަތުރު ފެށޭނީ އެތެރެފުށް އިޞްލާޙުވުމުންނެވެ. 

މުސްލިމް އަޚުންނޭވެ! ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން، ފޯނު ނިވިދާނެކަމުގެ ބިރަށް ޓަކައި، ޗާޖުކުރުމަށް އަވަސްވެގަންނަމުއެވެ. ނަމަވެސް، މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތް ބީވެގެން ހިނގައިދާނެކަމާ މެދު ވިސްނައިލީ ފަހެ ކާކުހެއްޔެވެ؟ އެ ނިޢުމަތަކީ ޞައްޙަ ޢަޤީދާއެވެ. މި ނިޢުމަތް ބީވެގެން ހިނގައިދާނެކަމުގެ ބިރު އޮތް މިންވަރު ބަޔާންކުރައްވައި، ދެވަނަ ޚަލީފާ عُمَرُ الْفَارُوْقُ رَضِيَ الله عَنْهُ ވިދާޅުވެފައިވާކަމަށް ރިވާވެގެންވެއެވެ. (إِنَّـمَا تُنْقَضُ عُرَى الْإِسْلَامِ عُرْوَةً عُرْوَةً، إِذَا نَشَأَ فِي الْإِسْلَامِ مَنْ لَا يَعْرِفُ الْـجَاهِلِيَّةَ)[2] މާނައީ: "އިސްލާމްދީނުގެ އުޞޫލުތައް، ބޮޅަކަށްފަހު ބޮޅެއް ނެއްޓި ދެމިގަނެގެންދާހުށީ، ޖާހިލިއްޔަތުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އިސްލާމީ އުންމަތުގައި އުފެދުމުންނެވެ." ފަހެ، ޞައްޙަ ޢަޤީދާގެ ނިޢުމަތަކީ އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މަތިވެރި އަމާނާތެކެވެ. 

މުސްލިމް އަޚުންނޭވެ! ދުންޔަވީ ޙަޔާތް ފާގަތިކުރުމަށާއި، މުދަލާއި ދަރީންގެ މުސްތަޤުބަލަށް ޓަކައި މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށް ޓަކައި އަހަރެމެންގެ ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.--- މާނައީ: "އެ ދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟުރަތަށް އައިމީހަކަށް މެނުވީއެވެ." ދުނިޔޭގެ އުފަލާއި ޒީނަތްތެރިކަން ހޯދުމުގައި މަޝްޣޫލުވެއުޅޭ މި ޙަޔާތުގައި، އާޚިރަތުގެ ކާމިޔާބީއަށް ޓަކައި ސާފުސީދާ ހިތެއްގެ ވެރިއަކަށް ވުމަށް މަސައްކަތްކުރާށެވެ!   

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ހިތްތައް ޞައްޙަ ޢަޤީދާގެމަތީގައި ޘާބިތުކޮށްދެއްވާނދޭވެ! އީމާންކަމުގެ މަތީ ދެމިތިބެ، އިބަރަސްކަލާނގެ މިންވަރުފުޅާ ރުހިގެންވާ ޙާލު، އިބަރަސްކަލާނގެއާ ބައްދަލުކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އާމީން!

އީމާންކަމާއި އިސްލާމްކަމުގެ ނިޢުމަތްދެއްވެވިކަމަށްޓަކައި މާތް ﷲއަށް ޙަމްދުކުރަމެވެ! އިންސާނިއްޔަތުގެ އެންމެ މާތް ސާހިބާ، މުޙައްމަދު zއަށާއި، އެ މާތް ނަބިއްޔާގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ! 

އެއަށް ފަހު ދަންނާށެވެ! މާތް ﷲގެ އަޅުތަކުންނޭވެ! އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ، ރަސްވަންތަ ރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވެ ތަޤުވާވެރިވާށެވެ! އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ ދުވަހެއްގައި، ﷲގެ ޙަޟުރަތަށް ތިޔަބައިމީހުން ރުޖޫޢަކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފުސަކަށްމެ، އެ ނަފުސެއް ހޯދި ކަމެއްގެ ޖަޒާ (އެ ދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ." 

މުސްލިމް އަޚުންނޭވެ! އިސްލާމީ ޢަޤީދާއަކީ މައިންބަފައިންގެ ފަރާތުން ވާރުތަވަމުންއަންނަ ތަރިކައެއްގެ ގޮތުގައި ބަލައި، މި މަތިވެރި ނިޢުމަތާ މެދު އިހުމާލުނުވާށެވެ! ދީނާ ދުރު ފިކުރުތަކުގެ ނުބައިކަމުން ރައްކާތެރިވުމަށް ޓަކައި، ޞައްޙަ ޢަޤީދާ ރަނގަޅަށް ދެނެގަނެ، އެ ގޮތުގައި ސާބިތުވާށެވެ! މި އުންމަތުގެ މާތްވެގެންވާ ޞަޙާބީ ބޭކަލެއްކަމުގައިވާ جُنْدُبُ بْنُ عَبْدِ اللهِ  رضي الله عنه ވިދާޅުވެފައި ވެއެވެ. (كُنَّا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَنَـحْنُ فِتْيَانٌ حَزَاوِرَةٌ، فَتَعَلَّمْنَا الْإِيـْمَانَ قَبْلَ أَنْ نَتَعَلَّمَ الْقُرْآنَ، ثُـمَّ تَعَلَّمْنَا الْقُرْآنَ، فَازْدَدْنَا بِهِ إِيـْمَانًا)[3]  މާނައީ: "ތިމަންބޭކަލުން ފުރާވަރަށް އަރަމުން އައި ޒުވާން ކުދިންތަކެއްގެ ގޮތުގައި ނަބިއްޔާ ސއވ ގެ އަރިހުގައި ވީމުއެވެ. ފަހެ، ތިމަންބޭކަލުން ކީރިތި ޤުރްއާން އުނގެނިވަޑައިގަތުމުގެ ކުރީން، އީމާންކަން އުނގެނިވަޑައިގަތީމުއެވެ. ދެން އެއަށް ފަހު ތިމަންބޭކަލުން ޤުރްއާން އުނގެނިވަޑައިގަތުމުން، އެ ޤުރްއާނުގެ ސަބަބުން ތިމަންބޭކަލުންގެ އީމާންކަން (އިތުރަށް) ވަރުގަދަވިއެވެ."  

މިއަދު އޮންލައިން