މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ތިލަފުށީގައި ޤާއިމުކުރަމުންދާ 'ކުނިން ކަރަންޓު އުފައްދާ ޕްލާންޓުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ ނިޔަލަށް އެ ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވީ، އަތޮޅުތަކުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް އެފަދަ ބޮޑު މަޝްރޫޢެއް ކުރިއަށްދާ ކަމަށެވެ. އަދި ތިލަފުށިން ވަކި ސަރަޙައްދެއް ހިއްކައިގެން މިހާރު ކުރިއަށްދަނީ މި ޕްލާންޓުގެ ކޮންސްޓްރަކްޝަން މަރުޙަލާގެ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުރުތަޟާ އިތުރަށް ވިދާޅުވީ، "ރީޖަނަލްކޮށް އެ މަސައްކަތްތައް ކުރުމަށްޓަކައި މާލެ ސަރަޙައްދުގައި ތިލަފުށީގައި އެ މަސައްކަތްތައް ދަނީ ކުރަމުން. އަދި އައްޑޫ ސިޓީގައިވެސް އޭގެ ނިޒާމެއް ޤާއިމްކުރުުގެ މަަސައްކަތް ދަނީ ކުރަމުން. އުތުރުގައިވެސް އެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދޭ. ބޭރުގެ އެހީއާއެކު މަޝްރޫޢުތައް ޑިޒައިންކޮށް މަޝްރޫޢުތައް ހިންގަމުންދަނީ." މިފަދައިންނެވެ.
ތިލަފުށީގައި ޤާއިމުކުރާ މި ޕްލާންޓަކީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އަދި ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދޭނެ ވަސީލަތެކެވެ. މީގެއިތުރުން، މި ޕްލާންޓުން ކުނި އެންދުމުން ދުވާލަކު އުފެދޭ 100 ޓަނުގެ އަޅި ޓްރީޓްކޮށްގެން ސިމެންތީގެ ބަދަލުގައި ބޭނުންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދިރާސާތައް ކުރަމުންދާ ކަމަށާއި، ކުނި އެންދުމުން އުފެދޭ ނުރައްކާތެރި އަޅި ރައްކާކުރާނެ ޚާއްޞަ ސަރަޙައްދެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭނެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ޕްލާންޓް އޮޕަރޭޝަނަށް ގެނެސް ބޭނުންކުރަން ފަށާތާ 2 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުވުން ހުއްޓުވޭނެއެވެ.