އދ. ގެ އާންމު މަޖިލީހުގައި އިޒްރޭލުގެ ބޮޑުވަޒީރު ވާހަކަދައްކަން ފެއްޓެވުމުގެ ކުރިން، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ވަފުދުން އާންމު މަޖިލީހުގެ ޖަލްސާ ދޫކޮށް ނުކުމެއްޖެއެވެ.
މި ނިންމުމާ ގުޅިގެން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، އިހުތިޖާޖު ކުރުމުގެ ގޮތުން އދ. ގެ އާންމު ބަހުސްގައި އިޒްރޭލުން ތަގުރީރު ކުރުމުގެ ކުރިން ރާއްޖޭގެ ވަފުދުން މަޖިލިސް ދޫކޮށް ނުކުމެފައިވާ ކަމަށެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފު އެންމެންގެ މައްޗަށް އެއް ހަމައެއްގައި ހިންގެންޖެހޭނެ ކަމަށާއި އެއްވެސް ގައުމެއް ގާނޫނަށް ވުރެ މަތީގައި ނޯންނާނެ ކަމަށެވެ. އަދި މި އަސާސީ އުސޫލުތައް ފުނޑުފުނޑުކޮށްލާ އަމަލުތައް އާދައިގެ ކަންކަމުގެ ގޮތުގައި ބަލައިގަތުމަށް ބާރުދޭ އެއްވެސް ކަމެއްގައި ރާއްޖެއިން ބައިވެރިނުވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެ އޮތީ ފަލަސްތީނާއެކު ސާބިތުކަމާއެކު ކަމަށް ފާހަގަކުރައްވަމުން، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށާއި، އދ. ގެ ފުރިހަމަ މެންބަރުކަން އެ ގައުމަށް ދިނުމަށް ރާއްޖެއިން ތަކުރާރުކޮށް ގޮވާލާ ގޮވާލުން ވަޒީރު ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ.