ކޯޓުތަކުގެ އިޖުރާޢާތްތައް އެއްގޮތްކުރުމުގެ ޤަވާއިދަށް އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
ކޯޓުތަކުގެ އިޖުރާޢާތްތައް އެއްގޮތްކުރުމުގެ ޤަވާއިދަށް އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަނީ

ދިވެހިރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގެ ދާޚިލީ އިޖުރާޢާތްތައް އެއް ޤަވާއިދަކުން އެއްގޮތްކުރުމަށް އެކުލަވާލާފައިވާ ޤަވާއިދަށް 1 އޮކްޓޯބަރ 2026 އިން ފެށިގެން ޢަމަލުކުރަން ފަށާނެކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓު ހިމެނޭހެން ރާއްޖޭގައި ހިންގަމުންދާ 194 ޝަރުޢީ ކޯޓުގެ ދާޚިލީ އިޖުރާޢާތްތައް އެއްގޮތްކުރުމުގެ މަސައްކަތަކީ ކޯޓުތަކުގެ އިސްނެގުމާއެކު ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ޤަވާއިދު އެކުލަވާލުމުގައި ސުޕްރީމް ކޯޓުން އަދާކުރި ދައުރުން ސާބިތުވަނީ، ކޯޓުތަކުގެ ކަންބޮޑުވުންތައް އަޑުއެހުމުގައި އެ ކޯޓުން އަދާކުރާ މުހިންމު ދައުރު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، "މި ޤަވާއިދަށް މަސައްކަތް ކުރަން ފެށުމުން ފަންނީ މުވައްޒަފުންގެ ދަތިކަމަށާއި ހިންގުމުގެ ނިޒާމުގައި ހުރި އިދިކީލަ ކަންކަމަށް ފަރުވާއެއް ލިބޭނެ. 1 އޮކްޓޯބަރ 2026 އަކީ މި ޤަވާއިދަށް ޢަމަލުކުރަން ފަށާނެ ތާރީޚު. އެ ތާރީޚަކީ ދިވެހިރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓެއްގެ ޤަވާއިދުތައް އެއް ޤަވާއިދަކުން އޮލަމް ކުރެވިގެންދާނެ ތާރީޚު. މިއީ އަޅުގަނޑުމެން މިދަންނަވާ ޝާމިލް ވިސްނުމުގައި މަސައްކަތް ކުރުމުގެ ނަތީޖާ،" ކަމަށެވެ.

ސުޕްރީމް ކޯޓުގެ މަސައްކަތް ވަޒަންކުރަންޖެހެނީ އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ މަސްލަހަތު ޤާނޫނުން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން، ތިން ބާރުގެ ތެރެއިން އެއް ބާރުގެ އާރުކާޓީގެ ގޮތުގައިކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ އަހަރު ކޯޓުން މަސައްކަތްކޮށްފައިވަނީ މި ވިސްނުމުގެ ދަށުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ފާއިތުވި އަހަރު ތެރޭގައި ޝަރުޢީ ދާއިރާއަށް މާލީ މިނިވަންކަން ލިބުމާއެކު ގިނަ ކަންކަން ރޭވި، ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކޯޓުތަކަށް އިދާރީ ގޮތުންނާއި ނިޒާމީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިމެނޭހެން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުގެ އައު އިދާރީ އޮނިގަނޑު ފާސްކޮށްފައިވާއިރު، އެ ކޯޓަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި ބަދަލާއެކު މިހާރު ތިބި ޤާބިލު މުވައްޒަފުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން