ދައުލަތުގެ ވުޒާރާތަކުން ހިންގަމުންދާ ކަންކަމުގެ ތަފުސީލު ހާމަކުރުމަށާއި، ރައްޔިތުން އުފައްދާ ސުވާލުތަކަށް ވަގުތުން ޖަވާބު އެރުވުމަށް އިންތިޒާމުކުރާ "އަހާ" ފޯރަމް އަންނަ އާދީއްތަ ދުވަހުގެ ރޭ ކުރިއަށްގެންދިއުމަށް ތާވަލުކޮށްފިއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ އެކިއެކި ދާއިރާތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ދެފުށް ފެންނަ އުސޫލަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި، ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ ޚާއްޞަ ސިލްސިލާއެކެވެ.
އާދީއްތަ ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ތިން ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
ދެ ގަޑިއިރުގެ މުއްދަތަށް ދެމިގެންދާ މި ފޯރަމުގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އެގޮތުން ސުވާލު ކުރުމަށްޓަކައި އިވެންޓް އޮންނަ މާހައުލަށް ހާޒިރުވުމުގެ އިތުރުން "ޕީއެސްއެމް އެއަރ" އެޕް މެދުވެރިކޮށް ވެސް ވަޒީރުންނާ ސުވާލު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.