މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފު ޢާއިޝަތު މާހިދާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފު ޢާއިޝަތު މާހިދާގެ ޢާއިލާއަށާއި، އެ އިދާރާގެ ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، "މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން" ކަމަށެވެ.