ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް: ރައީސް ޑރ.މުޢިއްޒު

ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށާއި، އެތަނުން ބިން މިލްކު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާގެ ޕީ.އެސް.އެމް ނިއުސްއިން ސިލްސިލާކޮށް ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ ނުވަތަ 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން ދޫކުރި ނަމަވެސް އެއްވެސް ބިމެއް މިލްކު ނުކުރެވޭނެކަން އެމަނިކުފާނު ވަނީ ޔަޤީންކޮށްދެއްވާފައެވެ.

މީގެއިތުރުން، މި މަޝްރޫޢަށް ސަރުކާރުން އެއްވެސް ސޮވަރިން ގެރެންޓީއެއް، ޓެކްސް ކޮންސެޝަނެއް ނުވަތަ އިމްޕޯޓް ޑިއުޓީގެ ލުއިތަކެއް ނުދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް މިހާރު ދޫކޮށްފައިވާ ގޯތިތަކަށް މިކަމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކުރިއަށްދިޔަ މި ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކުން ހާމަވި ގޮތުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި ވަޒީފާގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.

މިއަދު އޮންލައިން