ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމުގެގޮތުން، ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ހާމަކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ ޕީ.އެސް.އެމް ނިއުސްއިން ސިލްސިލާ ގޮތެއްގައި ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގައި މީގެ ކުރިން ކަންތައްތައް ހިނގަމުން އައި ގޮތަށް އަލިއަޅުއްވާލައްވަމުން، އެއް ސަރުކާރަކުން ފަށާ މަސައްކަތްތައް އަނެއް ސަރުކާރެއް އައުމުން ހުއްޓި، ޤައުމުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުވެގެންދާ ކަމަށާ، މިކަމުގެ ސަބަބުން ރައްޔިތުންނަށް އެންމެ އެދެވޭ ކުރިއެރުންތައް ނުލިބި، ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، ގައުމުގެ ތަރައްގީގެ ރާސްތާ ކަނޑައަޅައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް، 20 އަހަރުގެ މާސްޓަރޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، މި ޕްލޭނަކީ ހަމައެކަނި ކަރުދާހެއްގައި އޮންނަ އެއްޗަކަށް ނުހަދައި، ޕްލޭން ހިމާޔަތްކޮށް، ސިޔާސީ އޮއިވަރުތަކުން ސަލާމަތްކުރެވޭނެ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި ޚާއްޞަ ޤާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މާސްޓަރޕްލޭނާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައިވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި އެ ވާހަކަ ދެއްކެވުމުގެ މައިގަނޑު ބޭނުންފުޅަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަމިއްލަ ފައިމައްޗަށް ތެދުވެ، ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް މަސައްކަތްކުރާކަން ދުނިޔެއަށް ހާމަކޮށްދެއްވުންކަމަށެވެ. މިފަދައިން ކަންކުރެއްވުމުން، އޭރުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެ، ރާއްޖެއަށް ލިބޭ ފުރުސަތުތައް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްޤީގެ ޕްލޭނެއް ނެތި ކުރާ މަސައްކަތަކަށް ވެއްޖެނަމަ، އަބަދުވެސް ފެންނާނީ ފަހަތަށްދާ މަންޒަރު ކަމަށާއި، ދުރުރާސްތާގެ ޕްލޭނެއް އޮވެގެން މަސައްކަތްކޮށްފިނަމަ، އޭގެ ޙަޤީޤީ ފައިދާ ރައްޔިތުންނަށް ކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
"ނޭޝަން ޗެޓް"ގެ މިރޭގެ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްރަޙުގެ އަދުގެ ޙާލަތާ ގުޅޭ މުހިންމު އެކި ދާއިރާތަކަށް އަލިއަޅުއްވާލައްވާ، ތަފްސީލީ ގޮތެއްގައި އެކި މައުޟޫޢުތަކަށް ވާހަކަފުޅުދައްކަވާފައެވެ.
މިމޭރުމުން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ދިވެހިރާއްޖެއާއި މެލޭޝިއާގެ ސެންޓްރަލް ބޭންކާ ދެމެދު ސޮއިކުރުމަށް މަސައްކަތްކުރަމުންދާ 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓުގެ ވާހަކައެވެ. ތަފްސީލީ ގޮތެއްގައި މިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެގްރީމަންޓްގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އާދެވުނުއިރު، ރާއްޖޭގެ ރިޒާވް 1.2 ބިލިއަން ޑޮލަރަށް އެރިކަމަށާ، ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުންނާއި، ސުކޫކް ދެއްކުމުގެ ސަބަބުން ރިޒާވަށް އަސަރުކޮށްފައިވާކަން ރައީސުލްޖޫމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މުހިންމު ޢިމްތިޙާނުތަކެއްގައި ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވަމުންދާ ދުވަސްވަރެއްކަމުން، އިމްތިހާނު ހަދާ ދަރިވަރުންނަށް ކިޔެވުމާއި، ކުޅިވަރާއި، ދީނީ ކަންކަން އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.