ސުޕްރީމް ކޯޓުގެ އަމިއްލަ އިމާރާތެއް އެޅުމަށް މާލޭގެ ޕްރައިމް ލޮކޭޝަނަކުން ބިމެއް ހަމަޖެހިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސުޕްރީމް ކޯޓުގެ އަމިއްލަ އިމާރާތެއް އެޅުމަށް މާލޭގެ ޕްރައިމް ލޮކޭޝަނަކުން ބިމެއް ހަމަޖެހިއްޖެ

ސުޕްރީމް ކޯޓަށް އަމިއްލަ އިމާރާތެއް ބިނާކުރުމަށްޓަކައި މާލޭގެ އެންމެ ރަނގަޅު އެއް ލޮކޭޝަނުން ބިމެއް ހަމަޖެހިފައިވާ ކަމަށާއި، އަވަސް މުއްދަތެއްގެ ތެރޭގައި އެ އިމާރާތުގެ މަސައްކަތް ފެށޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި އައު އިމާރާތުގެ މައިގަނޑު ބޭނުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން ކޯޓުން ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކަށް ވެސް އެކަށީގެންވާ ފަހި މާހައުލެއް ޤާއިމުކޮށްދިނުމެވެ.

މީގެ ކުރިން މުލިއާގެއާއި ތީމުގޭގައި ސުޕްރީމް ކޯޓު ހިންގި ނަމަވެސް، އެ ތަންތަނަކީ ކޯޓުގެ މަސައްކަތްތައް ހިންގުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ތަންތަނަށް ނުވާތީ މީގެ ކުރިން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސުޕްރީމް ކޯޓުގެ އިތުރުން ހައިކޯޓާއި ސުޕީރިއާ ކޯޓުތަކަށް ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އަދި ހަމައެއާއެކު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ވެސް ހުޅުމާލޭގައި އިމާރާތެއް ސަރުކާރުން ވަނީ ތަރައްޤީކޮށްފައެވެ.

މިއަދު އޮންލައިން