ސޯޝަލްމީޑިއާއިން ފެންނަ ކަންކަން އަޅުގަނޑުމެންގެ ތެރެއަށް ވަންނަމުން އައިސް އަނބިމީހާއަކީ ގޭގައި ގެންގުޅޭ ނޯކަރުގެ ގޮތުގައި ތަނަވަސް މީހުންނަށް ތަޢާރަފްކޮށްދިނުންވެސް މިއޮތީ ފެށިފައެވެ. މިފަދަ ޙާދިސާއެއްގެ ވާހަކަ މީގެކުރިންވެސް ވާނީ ގެނެސްދީފައެވެ. އެހެންކަމުން މިއީ ސިލްސިލާއަށް އިތުރުކޮށްލެވޭ ބޮޅެކެވެ.
އެއީ ވިޔަފާރިވެރިއެކެވެ. އޭނާގެ އަނބިމީހާއަކީ ވަރަށް ރީތި އަންހެނެކެވެ. ފިރިމީހާގެ އެކުވެރި ބޭރުގެ ވިޔަފާރިވެރިޔާއަށް ގޭގައި ދިން ކެއުމެއްގައި އަނބިމީހާ ތަޢާރްފަކޮށްދިނީ ގޭގެ ނޯކަރުގެ ގޮތުގައެވެ. ކައިނިމިގެން ވިޔަފާރީގެ ވާހަކަދައްކަން ތިބެފައި އޭނާ ހުށަހެޅީ މުޅިން ތަފާތު ކަމެކެވެ.
"އެކުވެރިޔާއެވެ! ކަލޭ ތިއައެދޭ ހުރިހާ ކަމެއްވެސް ކޮށްދޭނަމެވެ. ނަމަވެސް ޝަރުޠަކާއިއެކުގައެވެ. އެކަމަކީ ގޭގައި ތިއަ ގެންގުޅޭ ނޯކަރާއި އަހުރެންނާއި ގުޅުވައި ދިނުމެވެ. އަހުރެންނަށް އޭނާ ވަރަށް ރީތިވެއްޖެއެވެ. ކިތަންމެ ބޮޑު ޚަރަދެއްކޮށްގެންވެސް ބޭނުމީ އޭނާއާއި ކައިވެނިކުރާށެވެ. ވިޔަފާރީގެ ވާހކަ އިތުރަށް ދައްކާނީ އެކަން ހަމަޖެހުނީމައެވެ." އެހެން ބުނެފައި އޭނާ ނުކުމެގެންދިއައީއެވެ.
ދެމަފިރިން އެކަނިވުމުން ފިރިމީހާ އަނބިމީހާގެ ކިބައިން އެދުނެވެ. "މިއީ ވަރަށް ބޮޑުކަމެކެވެ. ބޭނުންވެގެން މިއުޅެނީ 30 މިލިއަން ޑޮލަރުގެ އިންވެސްޓަރެކެވެ. ފައިސާ އެއޮތީ ލިބޭށެވެ. އޭނާ ދެކެ ލޯބިވާކަން ދައްކާލައިގެން މިފައިސާ ހޯދައިދޭށެވެ. ފައިސާ ލިބުނީމާ ތިއަދެމީހުންގެ ގުޅުން ކަނޑައިލާނީއެވެ."
އަނބިމީހާގެ ޖަވާބަކަށްވީ ފިރިމީހާ ބުންޏަސް މައިންބަފައިން ބުންޏަސް ތިއަކަމެއް ނުކުރާނަމެވެ. އެއްވެސް މީހަކަށް މަކަރެއް ނުހަދާނަމެވެ. ކަލޭގެ އަންތބަކަށް ހުރެ ތިއަފަދަ ކަމެއް ކޮށްފިނަމަ އެއީ ހެދޭ މަކަރެކެވެ. ވީމާ ވަރިކުރާށެވެ. ޢިއްދަ ހަމަވީމާ ތިއަ ކަންތައް ކުރާނެ ގޮތަކަށް ވިސްނާނަމެވެ.
އަނބިމީހާ އެހެން ބުނީމާ މިއުޅެނީ ކާމިޔާބުކުރެވެން ކަމަށް ހީކޮށް ވަރިކުރިއެވެ. ވަރިކޮށްފައި އެމީހާ ގާތުގައި ބުނީ 3 މަސްފަހުން އޭނާ ބޭނުންވާ ކަންތައް ހަމަޖެހޭނެ ކަމަށެވެ. އޭނާގެ ޖަވާބަކަށްވީ 3 މަސްފަހުން އެނބުރި އައިސް އެކަން ހަމަޖެހުނީމާ ފައިސާގެ ކަންތައް ހަމަޖައްސާނެ ކަމަށެވެ. އެހެންބުނެފައި އަނެއް ދުވަހު ފުރައިގެންދިއައީއެވެ. ފުރައިގެންދިއައީ އެއަނބިމީހާއަށް ފާރަލާން މީހަކާ ޙަވާލުކޮށްފައެވެ.
3 މަސްފަހުން އޭނާ އެނބުރި އައެވެ. އެކަމަކު އޭނާ އައިކަންވެސް އެނގުނީ އަނބިމީހާ ގޮވައިގެން ފުރައިގެންދިއަފަހުންނެވެ. އެކަން އެނގިގެން ގުޅީމާ ބުނީ ޙަލާލު އަނބިމީހާ ވިއްކާލަން ޖެހިލުންނުވި މީހަކު ވިޔަފާރީގައި ތެދުވެރިނުވާނެ ކަމަށެވެ. އަދި މިހާރު އެއީ އޭނާގެ އަނބިމީހާ ކަމަށާއި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގިއްޖެ ކަމަށެވެ.
މިއީ ހަމަ ވަރަށް ފަހުން މާލޭގައި ހިނގާފައިވާ ކަމެކެވެ. ހާދިސާއާއިމެދު ކިޔުންތެރިން ބޭނުންވާ ގޮތަކަށް ވިސްނާށެވެ. އަހުރެންނަކީ އެއަންހެންމީހާގެ ގާތް އެކުވެރިއެކެވެ. އަހުރެން ބުނާނީ ފައިސާގެ ދަހިވެތިކަމުގައި ދައްޔޫސުންނަށްވާ މީހުންނަށް މިއީ އަގުހުރި ފިލާވަޅެއް ކަމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް