ނުފުދޭ ބޭނުންތައް ގިނަވެ ކަންބޮޑުވުން އިތުރުވާވަރަކަށް ﷲ ތަޢާލާގެ ކޮޅަށް ބޮޑަށް ޖެހިލާ މީހެއްގެ ހުރިހާ ބޭނުންތަކެއްވެސް ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 4މ 14ސ
ނުފުދޭ ބޭނުންތައް ގިނަވެ ކަންބޮޑުވުން އިތުރުވާވަރަކަށް ﷲ ތަޢާލާގެ ކޮޅަށް ބޮޑަށް ޖެހިލާ މީހެއްގެ ހުރިހާ ބޭނުންތަކެއްވެސް ފުއްދަވައި ދެއްވަވާނެ! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ 


ހެޔޮ ޢަމަލު ކުރުމުގެ ސަބަބުން ދުނިޔޭގައި ލިބޭ ފައިދާތަކުގެ ތެރޭގައި މިލިޔުމުގައި މިބަލާލަނީ ދަތި އުނދަގޫތަކުން ސަލާމަތްވުމާއި ޙާޖަތްތައް ފުއްދަވާއިދެއްވެވުމަށެވެ!

އެގޮތުން އަޅުގަނޑުމެންނަށް މިސާލަކަށް ބަލާނަމަ ޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކަފުޅު ފާހަގަކޮށްލެވެއެވެ. 

ޔޫނުސްގެފާށު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ދަޢުވަތު ދެއްވިއެވެ. ނަމަވެސް ދަޢުވަތު ޤަބޫލު ނުކުރުމުން އެކަލޭގެފާނު އެޤައުމުން ނުކުމެވަޑައިގަތެވެ. ހިތާމަކުރައްވަމުން އެޤައުމު ދޫކުރައްވާ ވަޑައިގަތެވެ. ޔޫނުސްގެފާނު އެކަލޭގެފާނުގެ ޤައުމުން ނިކުމެވަޑައިގަތުމުން، އުޑުމަތީގެ ކުލަ ބަދަލުވަމުންގޮސް ރަތް އަނގުރު އަލިފާންގަނޑެއް ފަދައިން އުޑު ރަތްވެގެން ދިޔަކަމަށް ވެއެވެ. 

ދެން އެކަލޭގެފާނުގެ ގައުމުގެ މީހުން ﷲ ސުބްހާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ތައުބާވިއެވެ. އަދި ޔޫނުސްގެފާނު އަނބުރާ އެޤައުމަށް އެނބުރި އައުމަށް ދުޢާކުރިއެވެ. ދެން ޔޫނުސްގެފާނު އެ ނައު ދަތުރު ކުރަމުންދަނިކޮށް ކުއްލިއަކަށް ވައި ބާރުވެ، ބޮޑެތި ރާޅުތައް ނަވުގެ ތެރެއަށް ބިންދަން ފެށުމާއެކު ނައު ޢަރަޤްވާނޭހެން ހީވާން ފެށިއެވެ. 

އެބައިމީހުންގެ މުދާތައް މޫދަށް އުކާލައި ނާކޮޅަށް އަރާ ބާރު ކުޑަކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. އެހެންކަމުން މާލިމީން ނިންމީ ނާކޮޅުގައި ތިބި މީހުންގެ ތެރެއިން އެކަކު މޫދަށް އެއްލާލުމަށެވެ. ދެން ގުރުއަތު ނެގިއެވެ. ގުރުއަތުން ދިމާވީ ދެފަހަރުވެސް ޔޫނުސްގެފާނެވެ. ދެން ޔޫނުސްގެފާނު މޫދަށް ފުންމަވާލެއްވެވުމުން މޫދުގައިވާ ބޮޑުމަހެއް އައިސް ޔޫނުސްގެފާނު ދިރުވާލިއެވެ. އަދި ޔޫނުސްގެފާނު ބޮޑުމަހުގެ ތެރޭގައި ދުޢަ ކުރައްވާ އިސްތިޢްފާރް ކުރެއްވިއެވެ. އެވާހަކަ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވެއެވެ.  

އެގޮތުން އެވާހަކަ ﷲ ތަޢާލާ ޞާއްފާތު ސޫރަތުގެ އަދި 144 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ‎﴿١٤٣﴾‏ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ‎﴿١٤٤﴾‏

މާނައީ: "ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ. (143–144)" 

އަދިވެސް އަންބިޔާ ސޫރަތުގެ 87 އަދި 88 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ‎﴿٨٧﴾‏ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ‎﴿٨٨﴾‏

މާނައީ: "އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. (87) ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ. (88)"

 

މިއަދު އޮންލައިން