ކައިވެންޏަށް އެންމެ މުހިންމީ މާފަށް އެދެން ކެރުންކަން ބައްޕަ ދަސްކޮށްދިން ގޮތް- ވަރަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކައިވެންޏަށް އެންމެ މުހިންމީ މާފަށް އެދެން ކެރުންކަން ބައްޕަ ދަސްކޮށްދިން ގޮތް- ވަރަށް އަގުހުރި ފިލާވަޅެއް!

ދަރިފުޅު އައިސް ބައްޕަގެ ގާތުން އެދެނީ ކައިވެނިކުރުމުގެ ހުއްދައަށެވެ. ބައްޕަ ފުރަތަމަވެސް ބުނީ މާފަށް އެދުމަށެވެ. މާފަށް އެދެންޖެހޭ ކަމަކީ ކޮބައިތޯ ނުވަތަ ކުރެވުނު ކުށަކީ ކޮބައިތޯ ތަކުރާރުކޮށް ދަރިފުޅު ސުވާލުކުރުމުން ކޮންމެ ފަހަރަކުވެސް ބުނީ އެންމެ ބަހެކެވެ. އެއީ މާފަށް އެދުމެވެ. 

ކުރިއަށް ދެވޭނެ އެހެން ގޮތެއް ނެތުމުން ދަރިފުޅު މާފަށް އެދުމުން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! އަވަހަށް ކައިވެނިކުރާށެވެ! އެކަމަކު ހަނދާންކުރާށެވެ! ކުށެއް ކުރެވިއްޖެނަމަ މާފަށް އެދޭށެވެ. އަދި ކުށެއް ނުކުރެވުނަސް މާފަށް އެދެންޖެހޭ ފަހަރުތައްވެސް ކުރިމަތިވާނެއެވެ. އެޙާލަތުގައިވެސް ޒުވާބަކަށް ނުހަދައި މާފަށް އެދޭށެވެ. ދެމީހުންގެ މައްސަލަ ޙައްލުކުރެވުމުން ކިޔައިދޭންހުރި ކަންކަން ކިޔައިޑޭށެވެ. މާފަށް އެދުނީ ކުށެއްކުރެވުނީތީ ނޫންކަމަށްވެސް ބުނާށެވެ! އަދި ބުނާށެވެ! މާފަށް އެދުނީ ލޯބިވާވަރު ބޮޑުކަމުން ދެބަސްވާން ބޭނުން ނުވާތީއެވެ."  

"ދަރިފުޅާއެވެ! ކައިވެނީގައި ވަރަށް ތަފާތު ކަންކަން ކުރިމަތިވާނެއެވެ. ދޫނުދީ ވާންކުރާނަމަ ވައުފަށް ވަރަށް ފަސޭހައިން ކެނޑިގެންދާނެއެވެ. ނަމަވެސް ދޫދީފައި ދަރިފުޅުގެ ކޮޅަށް ވާންކޮށްލީމާ ކުރިއަށްވުރެ މާބޮޑަށް ދަރިފުޅުގެ ކޮޅަށް ޖެހޭނެއެވެ."

އެބައްޕަ އެބުނެދިނީ ވަރަށް އަގުހުރި ވާހަކަތަކެކެވެ. ކައިވެނި ތިމާގެ ކޮޅަށް ނުވަތަ ތިމާ ބޭނުންވާ ގޮތަށް ކާމިޔާބުކުރެވޭނީ މާފަށް އެދެން ކެރިގެންނެވެ. އަދި ދޫދޭންވެސް ކެރިގެންނެވެ. ނޫންނަމަ އެބައްޕަ ބުނިފަދައިން ކައިވެނި ރޫޅުން އޮންނާނީ ދާދިގާތުގައެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން