ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިންގެ ނުވަތަ އެނޫންވެސް ބައެއްގެ ދުޢާއިން ތިމާއަށް ސުވަރުގެ ވަދެވިދާނެ ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ސުވަރުގެ ވައްދަވާނީ އެކަމަށް އެދިގެން މަސައްކަތްކުރާ އަޅުންނެވެ.
އަހުރެމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅު ސުވަރުގެ ވެއްދެވުމަށް އެދިވަޑައިނުގަންނަވާނީ ހެއްޔެވެ؟ ނަމަވެސް ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެމީހުންވަނީ ނަރަކައިގައި ކަމެވެ. އަދި ބޮޑުބޭބޭފުޅުގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރެއްވެވުން ﷲ ތަޢާލާ މަނާކުރެއްވެވިއެވެ.
ﷲ ތަޢާލާގެ މިތުރު އިބްރާހީމްގެފާނު ސުވަރުގެ ވެއްދެވުން އެދިވަޑައިގެން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެކަމާއި ނަމަވެސް އެއްލަވައިލައްވަވާނީ ނަރަކައަށްކަން އެނގެން އެބައޮތެވެ.
މިހުރިހާ ކަމަކުންވެސް އެނގެނީ ސުވަރުގެ ވައްދަވާނީ އެކަމަށް އެދިގެން މަސައްކަތްކުރި މީހަކު ކަމެވެ. ވީމާ ސުވަރުގެ ލިބުން އެދޭނަމަ އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރާށެވެ.
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ . "ސުވަރުގޭގައި މީހެއްގެ ދަރަޖަ މަތިވެރިވެގެން ދެއެވެ. އޭނާ ސުވާލު ކުރާނެއެވެ. "ތިމަންނާގެ ދަރަޖަ މިފަދައިން މަތިވެރިވީ ސަބަބަކީ ކޮބައިތޯއެވެ؟" އެހިނދު ބުނެވޭނެއެވެ. "ތިބާގެ ދަރިފުޅު ތިބާގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމުގެ ސަބަބުންނެވެ".
މިޙަދީޘްފުޅުންވެސް އެނގިގެން މިދަނީ ދަރިންގެ ދުޢާއިން ސުވަރުގޭގައި މައިންބަފައިންގެ ދަރަޖަ މަތިވެރިވެގެންދާ ކަމެވެ. އެމަތިވެރި ނިޢުމަތް އެމީހުންނަށް ލިބެނީ އެމީހުންނަށް ސުވަރުގެ ވަދެވުމުން ކަމެވެ.
ވީމާ ނަމާދާއި އެހެންވެސް އަޅުކަންނުކޮށްތިބެގެން ސުވަރުގެ ވަދެވޭނެކަމަށް ހީނުކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން