ސަރުކާރާ ހަވާލުވީއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ދަތިހާލެއްގައި ކަމަށާއި، ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކޮށް، ރާއްޖެ ބަނގުރޫޓުވިޔަނުދީ ހިފެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދިޔަ ހިކުމަތްތެރި އިޤްތިޞާދީ ސިޔާސަތުތަކުގެ ތެރެއިން ރާއްޖޭގެ ރިޒާވު ތާރީޚުގައިވެސް މަތިނުވާ މިންވަރަށް މަތިވެގެން ދިޔަ ކަމަށެވެ. އެގޮތުން ފެބުރުވަރީ މަހުގެ ތެރޭގައި ރާއްޖޭގެ ރިޒާވް 1.2 ބިލިއަން ޑޮލަރަށް މަތިކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މެދުއިރުމަތީގައި ފެށުނު ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ބައިނަލްއަޤްވާމީ ވިޔަފާރީގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުތަކުގެ އަސަރު ދުނިޔޭގެ ހުރިހާ ޤައުމަކަށް ކުރި ފަދައިން، ރާއްޖެއިން ދަރަނި ދެއްކުމަށް ކުރަމުންދިޔަ މަސައްކަތްތަކަށްވެސް ދަތިތަކާ ކުރިމަތިވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މިފަދަ ގޮންޖެހުންތަކާއެކުވެސް ދައުލަތުން ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ދައްކަވަމުން ގެންދެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި މާލީ އިލްތިޒާމްތައް ސަރުކާރުން ޤަވާއިދުން އަދާކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ބަލަނީ ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ދަރަނި ވީވަރަކުން ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަަށް، ޤައުމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތް ރަނގަޅު ކުރުމުގައި މިދަނީ އެމަސައްކަތް ކުރަމުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ އިޤްތިޞާދީ އިސްލާޙީ މަސައްކަތްތަކާއެކު ކުރިއަށް އޮތްތަނުގައި ރިޒާވްގެ ހާލަތު އިތުރަށް ރަނގަޅުވެ، ޤައުމުގެ މާލީ ހަމަޖެހުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އުއްމީދު ދެއްވާފައެވެ.