ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމަކީ ކޮންމެ ދުވަހަކު ކުރާކަމަކަށް ހަދަމާ ހިނގާށެވެ!

ކިޔުމަށް ހޭދަވާނީ 1މ 32ސ
ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމަކީ ކޮންމެ ދުވަހަކު ކުރާކަމަކަށް ހަދަމާ ހިނގާށެވެ!

މަރްޔަމް ސާޖިދާ

 

ކީރިތި ޤުރުއާނުގެ މާތްކަމާއި މަތިވެރި ކަމަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އޮޅިފައި އޮންނާނޭ ކަމެއް ނޫނެވެ. އެފޮތުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ޘަވާބު ލިބޭކަން އަޅުގަނޑުމެން އެންމެން ވެސް ދަންނަމުއެވެ. ނަމަވެސް، ކޮންމެ ދުވަހަކު އެމާތް ފޮތުން މިންވަރެއް ކިޔާލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުނަށްތޯއެވެ. އެ ލިސްޓުގައި ތިބާގެ ނަން ނުހިމެނޭނަމަ، އަވަހަށް ފަށަމާ ހިނގާށެވެ!

މިއަދު، އަޅުގަނޑުމެން ކޮންމެ މީހަކީވެސް  ނުހަނު ބިޒީ ޝެޑިއުލެއްގައި މަސައްކަތްކުރާ މީހެކެވެ. 24 ގަޑިއިރު މިއަދު އަޅުގަނޑުމެނަށް މިވަނީ މަދުވެފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ މި ބިޒީ ޝެޑިއުލް އިން އެންމެ 10 މިނިޓް ޤުރުއާނަށްޓަކައި އަޅުގަނޑުމެން ހުސްކޮށްލަމާ ހިނގާށެވެ. 

ވިސްނާލަމާ ހިނގާށެވެ! އަޅުގަނޑުމެނަށް ހުސްވަގުތެއް ލިބޭ އިރަށް އަޅުގަނޑުމެނަށް  އަވަސްވެގަނެވެނީ  ކޮންކަމަކަށް ތޯއެވެ. އަޅުގަނޑުމެނަށް އަވަހަށް ބަލާލެވެނީ އެފްބީ، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކް ފަދަ ކޮންމެވެސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމެކެވެ. ނަމަވެސް ހަމަ އެ ފޯނުގައި ޤުރުއާން އެޕްތަކާއި ޛިކްރު އެޕްތައް ވެސް ހުރެއެވެ. ނަމަވެސް، އެފަދަ އެޕް އެއް އެންމެ ފަހުން ހުޅުވާލެވުނީ ކޮން އިރަކުތޯއެވެ. މިއަދު އަޅުގަނޑުމެނަށް ތަފާތު އެޕްތަކުގެ އެހީގައި ފަސޭހަކަމާއިއެކު ޤުރުއާން ކިޔެވުމުގެ މަގުވަނީ ފަހިވެފައެވެ. އެހެންކަމުން ލަސްނުކޮށް އަވަހަށް ފަށަމާ ހިނގާށެވެ.  

މަސައްކަތުން އަވަދިވެ އެންމެ ފުރަތަމަ ބަލާލާ 'ފޮތަކީ' ފޭސްބުކްގެ ބަދަލުގައި  އެ'ފޮތަކީ' ކީރިތި ޤުރުއާން ކަމުގައި ހަދަމާތޯއެވެ. 10 މިނިޓުން ފަށާށެވެ. މަޑުމަޑުން އިތުރު ކުރަމުންނެވެ. ސަމާލުކަންދޭންވި ކަމަކީ، އެންމެ ދުވަހަކީވެސް، ބަރަކާތުން ފުރިގެންވާ މާތްﷲ ތައާލާގެ ކަލާމްފުޅުން މިންވަރެއް ނުކިޔާ، ނިންމާލާ ދުވަހަކަށް ނުހެދުމަށް އަޒުމްކަނޑައެޅުމެވެ. އިން ޝާ ﷲ އޭރުން ޙަޔާތުން އެދެވޭ ބަދަލުތައް ފެންނާނެއެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން