ވިލުންތެރި ސިއްހީ ނިޒާމަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ޚާރިޖީ ވަޒީރު އިލްތިމާސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
ވިލުންތެރި ސިއްހީ ނިޒާމަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ޚާރިޖީ ވަޒީރު އިލްތިމާސްކުރައްވައިފި

ދުނިޔޭގެ ފެންވަރުގައި އެކި ޖީލުތަކުގެ ބައިވެރިވުމާއެކު، ބަލިމަޑުކަމާއި ޞިއްޙީ ކުއްލި ނުރައްކާތަކުން ރައްކާތެރިވުމަށާއި، އެފަދަ ޙާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން އިޖާބަދިނުމާ ގުޅޭގޮތުން ބޭއްވި އދ. އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވަލް ހަފްތާގެ ހަވާސާގައި ބޭއްވި ޔޫ.އެން. ހައި-ލެވަލް މީޓިންގ އޮން ޕެންޑަމިކް ޕްރިވެންޝަން، ޕްރިޕެއާޑްނަސް އެންޑް ރެސްޕޯންސް ގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް އާދަމް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ވޭތުވެދިޔަ 15 އަހަރުގެ ތަރައްގީގެ ކުރިއެރުންތައް ފަހަތަށް ދިޔަކަން ފާހަގަކުރެއްވިއެވެ. އަދި ސިޑްސް ގައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަމާއި، ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އަދި ބަލިތައް މޮނިޓަރކުރާ ލެބޯޓްރީ ނެޓްވޯކްތަކަށް އިންވެސްޓްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ "ޕެންޑެމިކް އެގްރީމަންޓް" އަދި "އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (2005)" ގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށްޓަކައި މާލީ ވަސީލަތްތައް ކަށަވަރުވެފައި އޮތުމާއި، ނިޒާމުތައް އެކަތިގަނޑަކަށް ގުޅިލާމެހިފައިވުމާއި، ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިވެފައި އޮތުމުގެ އިތުރުން މުޖުތަމަޢުގެ ފުރިހަމަ ތައްޔާރީ ޙާލަތު އޮތުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަންކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއީ އ.ދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/333 ގެ ދަށުން ބާއްވަމުންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބަލިމަޑުކަމުން ރައްކާތެރިވުމާ ގުޅޭގޮތުން 2023 ވަނަ އަހަރު ފާސްކުރި "ޕޮލިޓިކަލް ޑެކްލެރޭޝަން އޮން ޕެންޑެމިކް ޕްރިވެންޝަން ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް" ތަންފީޛުކުރެވެމުންދާ މިންވަރު މުރާޖަޢާކުރުމެވެ. މި ބައްދަލުވުމުގެ މަޝްވަރާތައް ބިނާވެފައިވަނީ ދުނިޔޭގެ ފެންވަރުގައި މިދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ދެނެގަތުމަށާއި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލިތަކަށް އިޖާބަދެވޭފަދަ ވަރުގަދަ ސިއްހީ ނިޒާމުތަކެއް ބިނާކުރުމުގެ މައްޗަށެވެ. އަދި މި އަހަރު ބޭއްވި ބައްދަލުވުމަކީ ޕެންޑެމިކް ޕްރިވެންޝަން ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް ގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން