އިސްލާމީ ދަޢުވަތުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެންކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެންކަން ފާހަގަކުރައްވާ އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ވާން ޖެހޭނީ އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ބަޔަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހު 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށާއި އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަރަށް ރަނގަޅަށް ހިނގާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމްކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން ބައިވެރިވެފައިވެއެވެ.