އެމްޑީޕީގެ ފިކުރު މިފެންނަނީ ވަންވޭ ޓިކެޓެއްގެ ގޮތުގައެވެ. މިހާރު އެކިޔަނީ ރަސްމާލެއިން ބޭރު ބައަކަށް ބިން ކުއްޔަށް ދިނުމަކީ ޚިޔާނާތެއް ކަމަށެވެ. ސުވާލަކީ އެމްޑީޕީގެ ވެރިކަމުގައި އެކަމުން ދުވަހަކުވެސް ސަލާމަތްވެވެންވެސް ނެތްފަދަ ގޮތަކަށް މާލެއިން އެންމެ އަގުބޮޑު 4 ބިން ބޭރު ބައަކަށްދީ އެތަނުން އިންތިހާއަށް ބޮޑު ފައިދާ ބޭރުބައަކަށް ލިބޭނެ ގޮތަށް ހެދުމަކީ އަމާނާތަކަށްވަނީތޯއެވެ؟
މިފަދަ ދެކޮޅު ނުޖެހޭ ވާހަކަތައް ފަތުރަނީ އެއްވެސް ބައަކަށް އަޅުވެތިނުވެ، ޖިޒީއަކަށް ޤައުމުގެ ހަރުމުދަލާއި ކަނޑުފަޅާއި ރަށްތައް ނުދީ އެމްޑީޕީގެ ބޮޑު ދަރަނި އަދާކުރަމުން މިސަރުކާރުން ތަރައްޤީގެ އެންމެ ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގާތަން ފެނުމުން މޭކަރައި މޭގަނޑު ވިރެމުންދާތީއެވެ.
ރައްޔިތުން ދެކެ ލޯބިވާބައަކު ނުކުރާނެ އަދި ޤައުމާއިމެދު އެއްވެސް ބައަކު ނުކުރާނެ އެއްކަމަކީ ހަދާ އެއްބަސްވުމަށް ބަދަލުގެންނަން ބޭނުންވެއްޖެނަމަ ޢަދުލުވެރި ޝަރީޢަތެއް ނުކުރެވޭނެ ގޮތަށް އެއްބަސްވުންތައް ހެދުމެވެ. އެމްޑީޕީގެ ވެރިކަމުގައި ބޭރަށް މާލެއިން ކުއްޔަށްދިން 4 ބިމުގެ މައްސަލައިގައި ބަދަލެއް ގެންނަން ރައީސް ޔާމީނުގެ ސަރުކާރުން ބޮޑެތި މަސައްކަތްކެއް ކުރިއެވެ. އެއްވެސް މަގެއް ނުފެނުނީ މައްސަލައިގެ ޝަރީޢަތް ޢަދުލުވެރި ގޮތަކަށް ކުރެވޭނެ އެއްވެސް މަގެއް ނުފެނުމުންނެވެ.
މިމިންވަރަށް ޤައުމަށް ޣައްދާރުވެގެން ތިބި ބައަކު ޤައުމާއި ރައްޔިތުންނަށް ރަނގަޅު އެއްވެސް ގޮތެއް މެދުވެރިކުރަން ބޭނުންވާނެ ކަމަށް ޤަބޫލުކުރުމަކީވެސް މޮޔައަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ. ދެއްކޭ ވާހަކަތައް ތިމާމެންނަށްވެސް ނުއެނގޭ ޙާލުގައި ތިބެގެން ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ހުރަސްއަޅަން މަސައްކަތްކުރާނީ އެންމެ ބޮޑެތި ޣައްދާރުންނެވެ.
ރައްޔިތުން މިއަދު ތިބީ ދައްކާހައި ވާހަކަތައް ޤަބޫލުކުރާނެ ގޮތަކަށް ނޫނެވެ. ފެންނަ ކަންކަމަށް ވިސްނައި ފިކުރުކުރެވޭވަރަށް ސިކުނޑިތައް ހުޅުވައިގެންނެވެ.