ރާއްޖޭގައި ހިމަބިހި (މީސަލްސް) އޮތީ އެއްކޮށް ކޮންޓްރޯލްކުރެވިފައި ކަމަށާއި، މިވަގުތު އެ ބަލީގެ އެކްޓިވް ކޭސްއެއް ރާއްޖޭގައި ނެތް ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ހިމަބިއްސަކީ ވަރުގަދަ ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީއާއެކު ރާއްޖެއިން ކުރިން ނައްތާލެވިފައިވާ ބައްޔެއް ކަމަށެވެ. އަދި ދާދިފަހުން ފެނުނު ކޭސްތަކަކީ ރާއްޖެއަށް އަންނަ މީހުންގެ ފަރާތުން ނުވަތަ ދިވެހިން ބޭރަށް ގޮސްއައިސްވުމުގެ ތެރެއިން ރާއްޖެއަށް އެތެރެވި ކޭސްތަކެއް ކަމަށް ބެލެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބަލިން ރައްކާތެރިވެ އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވެކްސިންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހިމަބިއްސާ ދެކޮޅަށް ކުރިއަށްގެންދިޔަ ވެކްސިން ކެމްޕެއިންގެ މި ބުރުގެ ތެރެއިން މިހާތަނަށް 16,000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިމަބިހި ކާމިޔާބުކަމާއެކު ނައްތާލި ދެ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.