މިއަދު ފެށޭ މަތީ ސާނަވީ (އޭ-ލެވެލް) އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ޢާއިލާތަކުގެ އިތުރުން މަދަރުސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައާއި، ވަކީން ޚާއްޞަކޮށް މަތީ ތަޢުލީމު އުނގެނޭނެ ދާއިރާއެއް ޚިޔާރުކޮށް ކުރިއަށް ދިއުމުގައި މަތީ ސާނަވީ އިމްތިޙާނަކީ ވަރަށް މުހިންމު މަރުޙަލާއެއް ކަމަށެވެ.
އަދި މާތްﷲގެ އިރާދަފުޅާއެކު، މި އިމްތިޙާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އިމްތިޙާނުގައި ފަސޭހަކަމާއެކު މޮޅަށް ޖަވާބުދީ، އެންމެން ފަޚުރުވެރިވާފަދަ ރަނގަޅު ނަތީޖާއެއް ހޯދައި، ޤައުމަށް ރީތި ނަން ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.