މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ކިބައިން މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުއްމީދުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފެށުނު މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، މިއަހަރުގެ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދިވެހި ދަރިވަރުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އެކަމަނާގެ މެސެޖުގައި، "މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ތިޔައިން ކޮންމެ ކުއްޖެއްގެ ހިތް އަލިކުރައްވައި، ތޫނުފިލިކަން އިތުރުކުރައްވައި، ޖަވާބުދިނުން ފަސޭހަކޮށްދެއްވާށި. އާމީން" ކަމަށް ވިދާޅުވެ ދަރިވަރުންނަށް ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.
މީގެއިތުރުން، އެ ދަރިވަރުންނަށްޓަކައި މުޅި ޤައުމު ކުރަނީ ވަރަށް ފޮނި އުންމީދެއް ކަން ފާހަގަކުރައްވަމުން، ބެލެނިވެރިންނާއި މުދައްރިސުން ފަޚުރުވެރިވާނެ ފަދަ ރަނގަޅު ނަތީޖާތަކެއް ހޯދައި، އުޖާލާ މުސްތަޤްބަލަކަށް މަގުފަހިކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ވިދާޅުވެފައެވެ.