ޕީއެންސީގެ ކޮންގްރެސް ނިމިގެންދިޔައީ ވަރަށް ފުރިހަމައަށް، އަބަދުވެސް އިސްކަންދޭނީ ޤައުމީ ފިކުރަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޕީއެންސީގެ ކޮންގްރެސް ނިމިގެންދިޔައީ ވަރަށް ފުރިހަމައަށް، އަބަދުވެސް އިސްކަންދޭނީ ޤައުމީ ފިކުރަށް: ރައީސް

ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާކޮށްގެން ކަމަށާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަބަދުވެސް އިސްކަންދޭނީ ޤައުމީ ފިކުރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ދައުލަތުގެމީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީއެންސީގެ ކޮންގްރެސްއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ކޮންގްރެސްއަކީ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ނިމިގެންދިޔަ ކޮންގްރެސްއެއް ކަމަށެވެ. އަދި މި ކޮންގްރެސްގެ އެހީގައި ޕާޓީގެ އެންމެހައި މަސައްކަތްތައް ރަނގަޅު ތަރުތީބެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ބޮޑެތި މަގުފަހިތަކެއް ވެގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އުފާކުރަން ކޮންގްރެސް އެހާ ފުރިހަމައަށް ދިއުމުން، މިއީ ޑިމޮކްރަޓިކް އުސޫލުން ނިމިގެންދިޔަ ވަރަށް ފުރިހަމަ ކޮންގްރެސްއެއް. އަޅުގަނޑު ބޭނުންވަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާވާން. ޑިމޮކްރަސީ ހަރުދަނާ ވާނީ ސިޔާސީ ޕާޓީތައް ހަރުދަނާވެގެން. ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެގެން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކޮންގްރެސް ނިމުމާއެކު ޕާޓީގެ ކުރިއަށްހުރި މަސައްކަތްތައް އަތުރާލާނެ ގޮތުގެ ތަރުތީބުތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޕީއެންސީން އަބަދުވެސް އިސްކަންދޭނީ ޤައުމު އިސްކޮށްގެން މަސައްކަތްކުރުމަށް ކަމަށާއި، ޤައުމަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އެ ޕާޓީން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ ފިކުރުގެ އެންމެންގެ ވިސްނުމަކީވެސް އެއީއެވެ.

ނިމިދިޔަ ޕީއެންސީގެ ކޮންގްރެސްގައި ވަނީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވާފައެވެ.

މިއަދު އޮންލައިން